ކުޅިވަރު
ބޮޑު ތަފާތަކުން ހޮންގް ކޮންގް ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޓީމުން މުހިންމު މޮޅެއް ހޯދައިފި
ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމް---
ޗައިނާގައި މިހާރު ކުރިއަށްދާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން މޮޅު ކުޅުމެއް ދައްކައި، 7-0 ގެ ބޮޑު ތަފާތަކުން ހޮންގް ކޮންގް ބަލިކޮށްފިއެވެ.
މިއަދު ކުޅުނު މި މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ރޭވުންތެރި އަދި ހަލުވި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފު ރާއްޖެއިން ނިންމާލީ 3-0 ގެ ލީޑަކާއެކުގައެވެ. ދެވަނަ ހާފުގައި ވެސް ކުޅުން އިތުރަށް ވަރުގަދަކޮށް، ރާއްޖޭގެ ކުޅުންތެރިން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 7-0 އަށް ބަދަލުކޮށްލާފައެވެ.
މި މެޗުގައި ރާއްޖެއިން ޖެހި ގޯލުތަކުގެ ތެރެއިން އިޝާން އިބްރާހިމް (ސައްޓު)، ޝަނާން ރަޝާދު އަދި މުހައްމަދު ސާދު ނިޒާރު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ އަނެއް ލަނޑަކީ ހޮންގް ކޮންގްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.
މި ކާމިޔާބީއާއެކު މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުން ރާއްޖެއަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން، ވަރުގަދަ ދެކުނު ކޮރެއާ އަތުން ބަލިވީ 5-1 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން މިއަދުގެ މި މޮޅަކީ ފަހު މެޗަށް ދިއުމުގެ ކުރިން އިތުބާރު ބޮޑުވެގެންދިޔަ މުހިންމު މޮޅެކެވެ.
ލީގު އުސޫލުން ކުރިއަށްދާ މި މުބާރާތުގެ މެޗެއް މިއަދު ހަވީރު ވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ޗައިނާ އާއި ދެކުނު ކޮރެއާއެވެ.
މި މުބާރާތުގައި ރާއްޖެ ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.