ކުޅިވަރު

ޖޫޑްގެ އިތުރުން އޭނާގެ ކޮއްކޮ ޖޯބް ބެލިންގްހަމް ވެސް އިނގިރޭސި ގައުމީ ޓީމުގައި ހިމަނައިފި

ޖޫޑްގެ އިތުރުން އޭނާގެ ކޮއްކޮ ޖޯބް ބެލިންގްހަމް ވެސް އިނގިރޭސި ގައުމީ ޓީމުގައި ހިމަނައިފި

ޖޫޑް އަދި ޖޯބް ބެލިންގަހަމް / ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

07 ނޮވެމްބަރު 2026، 03:16

07 ނޮވެމްބަރު 2026، 03:16

ރެއާލް މެޑްރިޑްގެ ތަރި ޖޫޑް ބެލިންގްހަމްގެ އިތުރުން، އޭނާގެ ކޮއްކޮ ޖޯބް ބެލިންގްހަމް ފުރަތަމަ ފަހަރަށް އިނގިރޭސި ގައުމީ ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފިއެވެ. މިއީ ކުރިއަށް އޮތް ބައިނަލްއަގުވާމީ މެޗުތަކަށް އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް ނެގި ސްކޮޑުން ޒުވާން މިޑްފީލްޑަރަށް ލިބުނު ފުރުސަތެކެވެ.

އުމުރުން 21 އަހަރުގެ ޖޯބްގެ ކެރިއަރު މިހާތަނަށް ބައްޓަންވަމުން އައިސްފައިވަނީ 23 އަހަރުގެ އޭނާގެ ބޭބެ، ޖޫޑް ގެ ކެރިއަރާ ވަރަށް އެއްގޮތް ގޮތަކަށެވެ. ދެބެއިންނަކީ ވެސް ބާމިންގހަމް ސިޓީގެ އެކެޑަމީން ވިދާލައި، ފަހުން ޖަރުމަނު ބުންޑަސްލީގާގެ ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވި ދެ ކުޅުންތެރިންނެވެ. ބާމިންގހަމްގެ ސީނިއާ ޓީމަށް ޖޯބް ކުޅެން ފެށީ އުމުރުން 16 އަހަރުގައެވެ. އެއަށްފަހު ސަންޑަލޭންޑަށް ބަދަލުވެ، އެ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓްކޮށްދިނުމަށް އެހީތެރިވުމަށްފަހު، އޭނާ ޑޯޓްމަންޑަށް ބަދަލުވީ 19 އަހަރުގައި ގާތްގަނޑަކަށް 31 މިލިއަން ޕައުންޑްގެ އަގަކަށެވެ.

ދުނިޔޭގެ އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ބޭބެއަކު ހުރުމުން ޖޯބަށް އަބަދުވެސް ބޮޑެތި ގޮންޖެހުންތަކާއި އަޅާކިޔުންތައް ކުރިމަތިވެއެވެ. ނަމަވެސް، ޖޯބް މަސައްކަތް ކުރަނީ އަމިއްލަ ވަކި އައިޑެންޓިޓީއެއް ގާއިމުކުރުމަށެވެ. އެގޮތުން ޖޯޒީގެ ފަހަތުގައި އާއިލީ ނަން ބޭނުންކުރުމުގެ ބަދަލުގައި އޭނާ ޖަހަނީ "ޖޯބް" އެކަންޏެވެ. އޭނާ ބުނެފައިވާ ގޮތުގައި އެއީ އަމިއްލަ މަގު ޚިޔާރުކޮށްފައިވާކަން ދެއްކުމަށް ކުރީގެ ކޯޗެއްގެ ލަފައަށް ކުރި ކަމެކެވެ. ދަނޑުމަތީގައި ޖޯބް ކުޅެނީ ޖޫޑަށްވުރެ ފަހަތަށް ޖެހިގެން ޑިފެންސިވް މިޑްފީލްޑަރެއްގެ ގޮތުގައެވެ.

އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ޖޯބަށް ސީނިއާ ޓީމުން ޖާގަ ލިބުނީ، އާސެނަލްގެ މައިލްސް ލުވިސް-ސްކެލީ ސަސްޕެންޝަނުގައި ހުރުމާއި ބޯންމަތުގެ އެލެކްސް ސްކޮޓަށް އަނިޔާވުމާ ގުޅިގެންނެވެ. މީގެއިތުރުން 21 އަހަރުން ދަށުގެ ކޯޗު ލީ ކާސްލީ ވެސް އައީ ޖޯބަށް ފުރުސަތު ދިނުމަށް ޓުޗެލްގެ އަރިހުން އެދެމުންނެވެ.

ކޯޗު ޓުޗެލް ބުނީ މިއީ ވަރަށް ރީތި ވާހަކައެއް ކަމަށާއި ދެބެއިންނަކީ ވެސް އެކަކު އަނެކަކަށް ވަރަށް އެހީތެރިވާ ދެ ކުޅުންތެރިން ކަމަށެވެ. އަދި ބޭބެ ޓީމުގައި ހުރުމަކީ ޖޯބަށް ފަސޭހައަކަށް ވިޔަސް، އޭނާއަށް މި ފުރުސަތު ލިބުނީ ބޭބެގެ ސަބަބުން ނޫން ކަމަށާއި، އެއީ އޭނާގެ އަމިއްލަ ހުނަރާއި ގާބިލުކަމުން ހޯދި ފުރުސަތެއް ކަމަށް ޓުޗެލް ފާހަގަކުރިއެވެ.

މި ދެބެއިން އެކުގައި ދަނޑުމައްޗަށް އަރައިފިނަމަ، އެއީ ފަހުގެ ތާރީޚެއްގައި އިނގިރޭސި ގައުމީ ޓީމުން ފެންނާނެ މަދު ހާދިސާއަކަށް ވާނެއެވެ. އެންމެ ފަހުން އިނގިރޭސި ޓީމަށް އެކުގައި ކުޅުނު ދެބެއިންނަކީ މެންޗެސްޓާ ޔުނައިޓެޑްގެ ގެރީ އަދި ފިލް ނެވިލްއެވެ. އެ ދެބެއިން އެކުގައި އެންމެ ފަހުން ކުޅެފައިވަނީ މީގެ 19 އަހަރު ކުރިންނެވެ. އޭގެ ކުރިން މަޝްހޫރު ޗާލްޓަން ދެބެއިން ކަމަށްވާ ބޮބީ އަދި ޖެކް ޗާލްޓަން ވެސް ވަނީ އެކުގައި 1966 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. ދާދި ފަހުން ނަތަނިއަލް އަދި ޓްރެވޯ ޗަލޮބާ ވެސް ގައުމީ ޓީމަށް ކުޅުނު ނަމަވެސް، އެ ދެބެއިން އެކުގައި އެއް މެޗެއްގައި ކުޅެފައެއް ނުވެއެވެ.

އިންޓަނޭޝަނަލް ބްރޭކްގައި އަންނަ ބުރާސްފަތި ދުވަހު ވެމްބްލީގައި އިންގްލެންޑް ނިކުންނާނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އޭގެ ފަހުން 15 ނޮވެމްބަރުގައި ސްޕެއިނާ ދެކޮޅަށް ކުޅުމަށް އެ ޓީމު ދަތުރުކުރާނީ މެޑްރިޑަށެވެ. އެހެންކަމުން ބެލިންގްހަމް ދެބެއިން އެކުގައި ފެނުމުގެ ފުރުސަތު މި މެޗުތަކުގައި ވަރަށް ބޮޑެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450