ކުޅިވަރު
ފުރަތަމަ ހާފުގައި ކާމިޔާބުކުރި ގޯލުތަކާއެކު ޕާކިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދައިފި
ރާއްޖެ އާއި ޕާކިސްތާން ބައްދަލުކުރި މެޗުގައި އައިސަމް / ފޮޓޯ: ސިޑިބަރި
ބަންގްލަދޭޝްގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި، ފުރަތަމަ ހާފުގައި ޖެހި ލަނޑުތަކާއެކު 3-0 ގެ ނަތީޖާއަކުން ދިވެހިރާއްޖޭގެ މައްޗަށް ޕާކިސްތާނުން ކުރިހޯދައިފިއެވެ.
މިއީ މި މުބާރާތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗެވެ. އަދި މިއީ ޕާކިސްތާން މި މުބާރާތުގައި ކުޅުނު ދެވަނަ މެޗަށް ވާއިރު، އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން ބަލިވީ 3-2 ގެ ނަތީޖާއަކުންނެވެ. ތާރީޚަށް ބަލާއިރު، މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައިވެސް ޕާކިސްތާނުން ރާއްޖޭގެ މައްޗަށް ކުރިހޯދި ފުރަތަމަ ފަހަރެވެ. މި މެޗުގެ ކުރިން ސާފް ޗެމްޕިއަންޝިޕްގައި މި ދެ ޓީމު ހަތަރު ފަހަރު ބައްދަލުކޮށްފައިވާއިރު، ދެ މެޗުން ރާއްޖެ މޮޅުވެ، އަނެއް ދެ މެޗު ވަނީ އެއްވަރުވެފައެވެ.
މިއަދުގެ މެޗު ފަށައިގެން މާގިނައިރުތަކެއް ނުވަނީސް ޕާކިސްތާނުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ ތިންވަނަ މިނެޓުގައި ޕާކިސްތާނަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މެކީލް އަރޫން އަބްދުﷲ އެވެ.
ޕާކިސްތާނުން އެ ޓީމުގެ ލީޑު ފުޅާކުރީ މެޗުގެ ނުވަވަނަ މިނެޓުގައެވެ. ވާތް ފަރާތުން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް އެއްފަހަރުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު ކާމިޔާބުކުރީ ނަޖީބް އުއްލާއެވެ. މި ލަނޑުގައި ރާއްޖޭގެ ޑިފެންޑަރުންގެ ޕޮޒިޝަނިން މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނެވެ. އަދި އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ނަޖީބް އުއްލާ ވަނީ އިތުރު ލަނޑެއް ޖަހައި، 3-0 އަށް ނަތީޖާ ބަދަލުކޮށްފައެވެ.
މިއަދުގެ މޮޅާއެކު ޕާކިސްތާނުން ވަނީ މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައެވެ. މި ގްރޫޕުގައި ބާކީ އެއް މެޗު އޮތް ނަމަވެސް، އެ މެޗުގެ ނަތީޖާއަކުން ދެން ޕާކިސްތާނު މުބާރާތުން ކަޓައިގެން ނުދާނެއެވެ. މިހާރު މި ގްރޫޕްގެ ތާވަލަށް ބަލާއިރު އިންޑިއާ އަދި ޕާކިސްތާނަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ހޯދައި، އިތުރަށް ކުރިއަށް ދިއުމުގެ އުންމީދު ދަމަހައްޓަން ބޭނުންނަމަ، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއަށް ދެން ޖެހޭނީ ބޮޑު ތަފާތަކުން އިންޑިއާ ބަލިކުރާށެވެ.