ޚަބަރު
ސާބިތު ނުހިފޭ ވާހަކަ ނޫސްތަކުގައި ޖަހައިގެން އިންސާނީ ކަރާމާތް ނަގާލުމަކީ ކުރެވިގެންވާނެ ކަމެއް ނޫން: ސަޢުދުﷲ
މެމްބަރ ސަޢުދުﷲ/ފޮޓޯ: އަވަސް
ސާބިތު ނުހިފޭ ވާހަކަ ނޫސްތަކުގައި ޖަހައިގެން އިންސާނީ ކަރާމާތް ނަގާލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެމްބަރު ސަޢުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އުނިކަން އަންނަ ގޮތަށް، 'އަދަދު' ނޫހުން ޒިނޭގެ ދޮގު ތުހުމަތުތަކެއް ފަތުރަމުންދިޔުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
މިކަމާއި ގުޅިގެން މެމްބަރު ސަޢުދުﷲ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންމެ އިންސާނަކީ ވެސް އަބުރަކާ ޢިއްޒަތެއް އޮންނާނެ އަދި އެ ޙައްޤު ލިބިގެންވާ މީހެއް ކަމަށެވެ. އެހެންކަމުން، ސާބިތު ނުހިފޭ ވާހަކަ ނޫސްތަކުގައި ޖަހައިގެން އަނެއް މީހާގެ އަބުރާއި އިންސާނީ ކަރާމާތް ނަގާލުމަކީ ކުރެވިގެންވާނެ ކަމެއްނޫން ކަމަށާއި، އެފަދަ ކަންތައްކުރާ މީހުންނަށް ޙައްޤު އަދަބު ލިބިގެން މެނުވީ އެކަން ނުހުއްޓޭނެކަމަށް ސަޢުދުﷲ ވިދާޅުވިއެވެ.
އެހެންކަމުން، މިފަދަ މައްސަލަތައް ރަނގަޅަށް ތަޙުޤީގުކޮށް، ދައުލަތުގެ އެންމެހާ ފަރާތްތަކުން ގުޅިގެން އެކަށީގެންވާ ފިޔަވަޅުތަކެއް އެޅުމަށް ސަޢުދުﷲ ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، މިފަދަ މައްސަލަތައް ކަމާބެހޭ އެކިއެކި މުއައްސަސާތަކަށް ހުށަހެޅި އަހަރު ދެއަހަރު ތިންއަހަރު ފާއިތުވެގެން ދާއިރުވެސް ނުބެލޭ ކަމީ ނުހަނު ހިތާމަކުރާކަމެއްކަމަށް ސަޢުދުﷲ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ސަރުކާރުގެ ގިނަ ވަޒީރުންނާއި ޢާންމުންގެ ގިނަ ބަޔަކު 'އަދަދު' ނޫހުގެ ޢަމަލުތައް ކުށްވެރިކުރަމުންދާއިރު، ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލާ ފަރާތްތަކުން އެކަމަށް ޤާނޫނީ ގޮތުން ޖަވާބުދާރީވާންޖެހޭނެ ކަމަށް ބުނެ، ގިނަ ރައްޔިތުން އަންނަނީ މީސްމީޑިއާގެ އެކި މަންސަތަކުގައި ވެސް ބަހުސްކުރަމުންނެވެ.