ޚަބަރު
ވިއްސާރަ ވިލާތައް ބޯމަތިވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފި
ވިލާގަނޑަކުން ވާރޭ ވެހެނީ---
ފަރުދުން
29 އޭޕްރީލު 2026، 10:15
29 އޭޕްރީލު 2026، 10:15
ހޫނު ގަދަ ދުވަސްތަކަކަށް ފަހު ވިއްސާރަ ވިލާތައް ބޯމަތިވެ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.
މޯލްޑިވްސް މީޓިއޮރޮލޮގިކަލް ސާރވިސަސްއިން "ފަރުދުން"އަށް މަޢުލުމާތު ޚިއްޞާ ކުރައްވަމުން ވިދާޅުވީ، މިއީ މުޅިރާއްޖެއަށް ކުރަމުންދާ ވިއްސާރައެއް ކަމަށެވެ. އަދި އާންމު ގޮތެއްގައި ކަނޑު ގަދަނުވިނަމަވެސް، ވިލާގަނޑުގައި 40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭކަމަށް އެ ސާރވިސަސްއިން ވަނީ ހާމަކޮށްފައެވެ.
މި ވިއްސާރައާ ގުޅިގެން މި ވަގުތަށް ބަލާއިރު އެންމެ މޫސުން ގޯސް ވާނީ ޅ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށެވެ. އެގޮތުން މި ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އެކަށީގެންވާކަމަށް މީޓިއޮރޮލޮގިކަލް ސާރވިސަސްއިން ހާމަކުރެއެވެ.
Alert White for heavy rain and thunderstorms with gusts of 40 mph. pic.twitter.com/assHLWbdqz
— Maldives Meteorology (@MetMaldives) April 29, 2026
އެހެންކަމުން މިއަދު 10:00 އިން ފެށިގެން ހަވީރު 16:00އާ ހަމައަށް ޅ އަތޮޅުން ފެށިގެން އައްޑު އަތޮޅާ ހަމައަށް ވަނީ ހުދު ސަމާލު ނެރެފައެވެ. އަދި މި ސަރަޙައްދުތަކަށް ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.
މީޓިއޮރޮލޮގިކަލް ސާރވިސަސްއިން އިތުރަށް ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި ދޭތެރެ ދޭތެރެއިން މޫސުން ގޯސްވެ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވާރޭ ވެހޭނެ ކަމަށެވެ.