ޚަބަރު
ހއ. މުރައިދޫގައި ކުޑަކުދިންގެ ޕާކާއި ބޮނބިފަންނު ހުޅުވައިދެއްވައިފި
ވަޒީރު އާދަމް ޝަރީފް ޢުމަރު ޕާކް ހުޅުއްވައިދެއްވުން ފޮޓޯ:ވުޒާރާ
ހއ. މުރައިދޫގައި އަލަށް ތަރައްޤީކުރެވުނު ކުޑަކުދިންގެ "ޕާކާއި ބޮނބިފަންނު" ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ހުޅުވައިދެއްވައިފިއެވެ.
ވަޒީރު މުރައިދޫއަށް ވަޑައިގެންނެވީ ހއ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވި ތިލަ އުތުރު ވޮލީބޯޅަ މުބާރާތް ޝަރަފުވެރިކޮށްދެއްވުމަށެވެ. މިނިސްޓަރ ވަޑައިގަތުމުން އެ ރަށު ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
ހއ. އަތޮޅު ކައުންސިލާއި މުރައިދޫ ރައްޔިތުން ގުޅިގެން ތަރައްޤީކުރި މި ޕާކު ހަދާފައިވަނީ އެ ރަށުގެ ރައްޔިތުން މޫދަށް އެރި އުޅޭ ސަރަޙައްދުގައެވެ. މި ޕާކުގައި ކުޑަކުދިންނަށް ކުޅިވަރު ކުޅެވޭނެ ވަސީލަތްތަކުގެ އިތުރުން ފޮތް ކިޔުމަށް ޚާއްޞަ ލައިބްރަރީ ކޯނަރެއްވެސް ހިމެނެއެވެ. މުރައިދޫ ކައުންސިލްގެ ރައީސް ވިދާޅުވިގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންގެ ބުރަ މަސައްކަތުން ނިންމާފައިވާ ތަނެކެވެ.
ޕާކު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ މުރައިދޫ ރައްޔިތުންނަކީ ރަށުތެރެ ސާފުކޮށް ބެލެހެއްޓުމުގައި ނަމޫނާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއް ކަމަށެވެ. އަދި މިފަދަ މަސައްކަތްތަކުގައި ރައްޔިތުން ގުޅިގެން އެއް ރޫޙެއްގައި މަސައްކަތް ކުރުމުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ފާހަގަކުރެއްވިއެވެ.
ވަޒީރު މުރައިދުއަށް ވަޑައިގަތުމުން އެ ރަށުގެ ރައްޔިތުންގެ ފަރާތުން ކިއުއްވި ހޫނު މަރުޙަބާއަށް ވަޒީރު ވަނީ އެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.