ޚަބަރު
ވިސާއާއި ނުލައި 90 ދުވަހުގެ މުއްދަތަށް ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ހަމަޖައްސައިފި
ޚާރިޖީ ވުޒާރާ/ފޮޓޯ: ވޮއިސް
ވިސާއާއި ނުލައި 90 ދުވަހުގެ މުއްދަތަށް ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް ޚާރިޖީ ވުޒާރާއިން ހަމަޖައްސައިފި އެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ، މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ދިވެހިރާއްޖެ އާއި އަޒަރުބައިޖާން އާ ދެމެދު ސޮއިކޮށްފައިވާ ވިސާ އެގްޒެމްޝަން އެއްބަސްވުމަށް މިއަދު ޢަމަލުކުރަން ފަށާފައިވާ ކަމަށެވެ. އަދި މި އެއްވަސްވުމަށް ޢަމަލުކުރަން ފެށުމާއެކު، އޯރޑިނަރީ ޕާސްޕޯޓުގައި ދިވެހިންނަށް ގިނަވެގެން 90 ދުވަހުގެ މުއްދަތަށް އަޒަރުބައިޖާންގައި ވިސާ އާ ނުލައި މަޑުކުރެވޭނެކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، 18 ޖޫން 2025 އިން ފެށިގެން ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވެސް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭގޮތަށް ދެ ޤައުމުގެ ދެމެދުގައި އެކުލަވާލާފައިވާ އެއްބަސްވުމުގެ ދަށުން ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. ނަމަވެސް، އެ ޤައުމުގައި ދިގު މުއްދަތަކަށް ތިބުމަށާއި، ވަޒީފާ އަދާކުރުމާއި ތަޢުލީމް އުނގެނުމަށް ނުވަތަ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން ދަތުރުކުރުމުގެ ކުރިން ކަނޑައެޅިފައިވާ ވިސާއެއް ހޯދަންޖެހޭނެއެވެ.
މި އެއްބަސްވުމަށް ޢަމަލުކުރަން ފެށިގެން ދިއުމަކީ ދިވެހީންނަށް ވިސާ އާ ނުލައި އަޒަރުބައިޖާނަށް ދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ދިވެހި ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.