Ads by Farudhun

ޚަބަރު

ގޮނޑި ގެއްލޭ އިސްލާޙް: ސްޕްރީމް ކޯޓުން ނިންމެވީ ބާޠިލް ކުރެވެން ނެތް ކަމަށް

ގޮނޑި ގެއްލޭ އިސްލާޙް: ސްޕްރީމް ކޯޓުން ނިންމެވީ ބާޠިލް ކުރެވެން ނެތް ކަމަށް

ދިވެހި ރާއްޖޭގެ ސްޕްރީމް ކޯޓް. ފޮޓޯ: މެންދުރު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

29 އޭޕްރީލު 2026، 03:02

29 އޭޕްރީލު 2026، 03:02

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން އިންތިޚާބުކުރެވިފައިވާ ގޮނޑި ގެއްލޭނެ ގޮތައް ފާސްކޮށްފައިއޮތް އިސްލާޙް ބާޠިލް ނުކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމަވައިފިއެވެ. 

މިމައްސަލަ ސްޕްރީމް ކޯޓަށް ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގައި ކުރިން ކެންދޫ ދާއިރާގެ މެމްބަރަކަށް ހުންނެވި ޢަލީ ހުސެއިނެވެ. 

ކުރީގެ މެމްބަރު ޢަލީ ހުސެއިން ހުށައެޅުއްވި މިމައްސަލައާއި މެދު ދައުލަތުން ބުނެފައިވަނީ މިމައްސަލަ ބެލުމުގެ އިޙްތިސާސް ސްޕްރީމް ކޯޓަށް ލިބިފައި ނުވާކަމަށެވެ. ނަމަވެސް ސްޕްރީމް ކޯޓުން ވަނީ އެކޯޓަށް އެމައްސަލަ ބެލުމުގެ އިޙްތިސާސް ލިބިފައިވާ ކަމަށް ނިންމަވާފައެވެ. 

އަދި އެގޮތައް ނިންމަވައި މިއަދު މިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ޤާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާޙު ބާޠިލްކުރެވެން ނެތްކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމަވާފައެވެ.

މިމައްސަލާގައި އުއްތަމަފަނޑިޔާރު ޢަބްދުލް ޣަނީ މުޙައްމަދު އިއްވެވި ޙުކުމުގައި މި މައްސަލަ ނިންމުމުގައި މައިގަނޑު ހަތަރު ނުކުތާއަކަށް ރިއާޔަތްކުރައްވާފައިވެއެވެ.

އެގޮތުން ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑު  އާ ގުޅޭގޮތުން ވާހަކަދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ޤާނޫނުއަސާސީ އިސްލާޙުކުރުމުގެ ބާރު މަޖިލީހަށް ލިބިފައިވާ ކަމަށާއި، ޤާނޫނުއަސާސީގެ ވަކި އަސާސީ އޮނިގަނޑެއް ކޯޓުން ކަނޑަނޭޅި ނަމަވެސް، އިސްލާޙު ގެނައުމުގައި މިހާރުވެސް އޭގެ ޒާތުގައި އިންތަކެއް ކަނޑައެޅިފައިވާ ކަމަށެވެ.

ހަމަމިއާއެކު އެންޓި-ޑިފެކްޝަން އުސޫލުތަކަކީ ރިޔާސީ ނިޒާމެއްގައި ތަތުބީޤު ނުކުރެވޭނެ އުސޫލުތަކެއް ނޫންކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ރިޔާސީ ނިޒާމުގައި ބަރުލަމާނީ ބައެއް ސިފަތައް ހުރިކަމާއި، އެހެން ޤައުމުތަކުގައިވެސް މިފަދަ އުސޫލުތައް ބޭނުންކުރާކަން ފަނޑިޔާރު ބަޔާންކުރެއްވިއެވެ.

މީގެއިތުރުން، މި އިސްލާޙަކީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހުގެ މެމްބަރުންނަށްވެސް ހިނގާނެ އިސްލާޙެއްކަމަށް ވަނީ ކަނޑައަޅާފައެވެ. މަދަނީ ޤާނޫނުތައް މާޒީއަށް ނުހިނގާނެކަމަށް ބުނާ ހަރުކަށި އުސޫލެއް ނެތްކަމާއި، ޤާނޫނުއަސާސީއަށް ގެނައި މި ބަދަލު މިހާރުގެ މަޖިލީހަށްވެސް ތަތުބީޤުވާނެކަމަށް އުއްތަމަފަނޑިޔާރު ވިދާޅުވިއެވެ.

މި އިސްލާޙަކީ ޤާނޫނުއަސާސީގެ އެހެން މާއްދާތަކާއި ނުވަތަ ސިޔާދަތީ ބާރަށް އުނިކަމެއް އަންނާނެ ބަދަލެއް ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށް ފަހު ނުކުތާއެއްގެ ގޮތުގައި ފާހަގަ ކުރެއްވެވިއެވެ.

އެހެންކަމުން، ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުން ނިންމެވީ ޤާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާޙަކީ ސައްޙަ، ބާތިލުކުރެވެން ނެތް އިސްލާޙެއް ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާފައިވަނީ އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ފުލް ބެންޗުންނެވެ.

މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު ސަލީމެވެ.

މިމައްސަލާގައި ތަފާތު ރައުޔެއް އިއްވަވާފައިވަނީ ފަނޑިޔާރު ޝުޖޫންއެވެ. 

މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިސްލާޙުގައި ބަޔާންކުރާ 'ޤާނޫނަކީ' ސިޔާސީ ޕާޓީތަކުގެ ޤާނޫނު ކަމަށް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ވިދާޅުވެއްޖެއެވެ. ދައުލަތުން އެއީ އަދި ވުޖޫދުގައި ނެތް ޤާނޫނެއް ކަމަށް ބުނި ނަމަވެސް، އެ ބުނުމަށް ބުރަވެވެން ނެތް ކަމަށް ޝުޖޫން ފާހަގަކުރެއްވިއެވެ.

ޤާނޫނުއަސާސީގެ އަސާސީ ސިފަތަކާ ޚިލާފަށް ގެނެވޭ އިސްލާޙުތަކާ މެދު ބަސްބުނުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް އޮންނާނެ ކަމަށް ޝުޖޫން ޤަބޫލުކުރައްވައެވެ. މިއީ ދައުލަތުގެ ބާރުތަކުން އެއް ބާރު އަނެއް ބާރުގެ މައްޗަށް ފާރަވެރިވުމުގެ އުސޫލުގެ ތެރެއިން ކުރެވޭނެ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ބެންޗުގައި ބާކީ ތިއްބެވި ފަނޑިޔާރުން ތާއީދު ކުރައްވައިފައިވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލް ޣަނީގެ ރައުޔަށެވެ. އެހެންކަމުން މިއިސްލާޙު ބާޠިލް ކުރެވެން ނެތް ކަމަށް މިއަދުގެ ކޯޓުގެ މަޖިލީހުން ވަނީ ނިންމަވައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450