ޚަބަރު
ތިނަދޫ ޑަބްލިޔުޑީސީގެ ގޮނޑިވެސް އެމްޑީޕީއަށް ގެއްލިއްޖެ
މިއަދު ބޭއްވުނު ބައި އިލެޚްޝަން - ފޮޓޯ: ޕީއެންސީ
މިއަދު ބޭއްވި ބައި-އިލެކްޝަންތަކުގެ ތެރެއިން ވ. ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ހުސްވެފައިވާ ގޮނޑި އިދިކޮޅު އެމްޑީޕީއަށް ނާކާމިޔާބުވެ، އެ ގޮނޑި އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް ކާމިޔާބުކޮށްފިއެވެ.
މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށް ކުރިއަށް ދިޔަ މި އިންތިޚާބުގައި ވ. ތިނަދޫ ޑަބްލިއުޑީސީގެ ގޮނޑިއަށް ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމް އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ޒީނާ އަޙުމަދެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޒީނާ އަޙުމަދު މި ގޮނޑި ކާމިޔާބުކުރެއްވީ ޖުމްލަ 78 ވޯޓު ހޯއްދަވައިގެންނެވެ. އިންތިޚާބުގައި ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓް ރިސްފާ ނަސީމަށް ލިބިފައިވަނީ 54 ވޯޓެވެ.
ތިނަދޫ ޑަބްލިއުޑީސީ އިންތިޚާބުގެ ވޯޓު ފޮށިތަކުގެ ނަތީޖާއަށް ބަލާއިރު:
ތިނަދޫ ސްކޫލް ފޮށި: ޒީނާ އަޙުމަދު (އަމިއްލަ): 26 | ރިސްފާ ނަސީމް (އެމްޑީޕީ): 28
- ޖަމާލުއްދީން ސްކޫލް ފޮށި (މާލެ): ޒީނާ އަޙުމަދު (އަމިއްލަ): 50 | ރިސްފާ ނަސީމް (އެމްޑީޕީ): 23
- ހުޅުމާލެ ފޮށި: ޒީނާ އަޙުމަދު (އަމިއްލަ): 02 | ރިސްފާ ނަސީމް (އެމްޑީޕީ): 03
ތިނަދޫގައި ބެހެއްޓި ވޯޓު ފޮށްޓާއި ހުޅުމާލޭ ފޮށިން އެމްޑީޕީ ކުރި ހޯދި ނަމަވެސް، މާލޭގެ ޖަމާލުއްދީން ސްކޫލުގައި ބެހެއްޓި ފޮށިން އަމިއްލަ ކެންޑިޑޭޓް ޒީނާ އަޙުމަދު ވަނީ ބޮޑު ތަފާތަކުން ކުރި ހޯއްދަވައި، އެމްޑީޕީ ފަހަތަށް ޖައްސާލުމަށްފަހު ގޮނޑި ކަށަވަރު ކުރައްވާފައެވެ.
އަދި އެންމެ ފޯރިގަދަ ވާދަވެރިކަމެއް ފެނިގެންދިޔަ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ ޑަބްލިއުޑީސީ ގޮނޑި ބޮޑު ތަފާތަކުން ކާމިޔާބުކުރީ ޕީއެންސީގެ ކެންޑިޑޭޓް ފާތިމަތު ނަބާހާއެވެ.
މިއަދު ކުރިއަށްދިޔަ ބައި-އިލެކްޝަންތަކުގައި ވޯޓުލުމުގެ ޙައްޤު ޖުމްލަ 3,776 މީހަކަށް ލިބިފައިވާއިރު، ވޯޓުލުމުގެ ހުރިހާ އިންތިޒާމުތަކެއްވެސް ދިޔައީ ވަރަށް އޮމާންކޮށް އަދި އަމާންކަމާއެކުގައެވެ.