ޚަބަރު
ސިޓީގެ ދަރަޖަ ހޯދަން ތިނަދޫ ރަޖިސްޓްރީގައި މަޑަވެލީގެ 145 މީހެއްގެ ނަން ބޭނުންކޮށްފައިވާ ކަމަށް ބުނެފި
އެއްބައިވަންތަކަމުގެ ދުވަސް މަޑަވެލީގައި ފާހަގަ ކުރަނީ - ފޮޓޯ: މަޑަވެލީ ކައުންސިލު
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމުގެ ބޭނުމުގައި، އެ ރަށުގެ ރަށްވެހިންގެ ރަޖިސްޓްރީގައި ގދ. މަޑަވެލީގެ 145 މީހެއްގެ ނަން އެ މީހުންނަށް އެނގުމަކާ ނުލައި ހިމަނައި އާބާދީ އޮޅުވާލާފައިވާ ކަމަށް ބުނެ މަޑަވެލީ ކައުންސިލުން ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ.
މަޑަވެލީ ކައުންސިލުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކުރާ ގޮތުން ރަށަކަށް ސިޓީއެއްގެ ދަރަޖަ ލިބެނީ އެ ރަށެއްގެ ރަޖިސްޓްރީގައި މަދުވެގެން 10،000 މީހުންގެ އާބާދީއެއް އޮވެގެންނެވެ. ނަމަވެސް، ތިނަދޫގެ ރަޖިސްޓްރީން މި އަދަދު ހަމަކޮށްފައިވަނީ ކަނޑައެޅިގެން އޮޅުވާލުންތަކެއް ހިންގައިގެން ކަމަށް އެ ކައުންސިލުން ތުހުމަތުކުރެއެވެ.
އެގޮތުން، ތިނަދޫގެ ރަށްވެހިންގެ ލިސްޓުގައި މަޑަވެލީގެ 145 ރައްޔިތެއްގެ ނަން ހިމަނާފައިވާއިރު، އޭގެ ތެރޭގައި މިހާރު މަޑަވެލީގައި ދިރިއުޅޭ ރައްޔިތުންނާއި، އެހެން ރަށްރަށުގައި ދިރިއުޅެމުންދާ މީހުންގެ އިތުރުން މަރުވެފައިވާ މީހުންގެ ނަންތައް ވެސް ހިމެނޭކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. މަޑަވެލީ ކައުންސިލުން ސިފަކުރި ގޮތުގައި މިއީ އެ ރަށުގެ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން، ދައުލަތުގެ ރަސްމީ ލިޔެކިޔުންތަކަށް ބަދަލުގެނެސް ހިންގާފައިވާ ނާތަހުޒީބު އަދި ދަށު ދަރަޖައިގެ ޖަރީމާއެކެވެ.
މި އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް މަޑަވެލީ ކައުންސިލުން ވަނީ، ތިނަދޫ ރަޖިސްޓްރީގައި ނަހަމަ ގޮތުގައި ހިމަނާފައިވާ އެ ރަށުގެ ރައްޔިތުންގެ ނަންތައް ވަގުތުން ވަގުތަށް އުނިކުރުމަށާއި، އަލުން އެ މީހުންގެ ނަން މަޑަވެލީގެ ރަށްވެހިންގެ ރަޖިސްޓްރީއަށް ބަދަލުކޮށްދިނުމަށް ގޮވާލާފައެވެ. އަދި މި މައްސަލަ ފުރިހަމައަށް ތަހުގީގުކޮށް، މި އަމަލުގައި ބައިވެރިވި އެންމެހައި ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅައިދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް ވެސް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.
މަޑަވެލީ ކައުންސިލުން މިފަދަ ބަޔާނެއް ނެރެފައިވާއިރު، 2023 ވަނަ އަހަރު ތިނަދުއަށް ސިޓީގެ ދަރަޖަ ހޯދުމަށްޓަކައި އެ ރަށުގެ އާބާދީ އޮޅުވާލި ކަމަށް ބުނާ މައްސަލައެއްގައި އެ ސިޓީގެ މޭޔަރު ސައުދު އަލީގެ މައްޗަށް ދައުލަތުން ވަނީ ޖިނާއީ ދައުވާ އުފުލާފައެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިގެން ކުރިއަށްދާ މި ޝަރީއަތުގައި ސައުދުގެ މައްޗަށް ކޮށްފައިވަނީ، ތިނަދޫގައި 10،000 މީހުން ހަމަވާކަން ދެއްކުމަށް އެހެން ރަށްރަށުގެ މީހުންނާއި ތަކުރާރުކޮށް އެއް ނަންތަކެއް ހިމަނައިގެން އެލްޖީއޭއަށް އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިން ކަމުގެ ދައުވާއެވެ. މީގެ އިތުރުން، އެ ލިޔުންތައް ފޮނުވިކަމުގެ ރެކޯޑެއް ނެތް ކަމަށް ބުނެ ފުލުހުންގެ ތަހުގީގަށް ދޮގު މައުލޫމާތު ދިން ކަމުގެ ދައުވާ ވެސް މޭޔަރުގެ މައްޗަށް ވަނީ އުފުލާފައެވެ.