ޚަބަރު
ހުޅުމީދޫ ތާރީޚު ބަދަލުކޮށް ނަބާހާ ޑަބުލިޔުޑީސީ ގޮނޑި ކާމިޔާބުކޮށްފި
ޕީއެންސީގެ ޑބުލިއުޑީސީގެ ގޮނޑި ކާމިޔާބު ކުރެއްވި ފާތިމަތު ނަބާހާ
ސ. ހުޅުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔުޑީސީ) ގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓް ފާތުމަތު ނަބާހާ ކާމިޔާބު ކުރައްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު، މި ބައި-އިލެކްޝަނުގައި ނަބާހާ ވާދަކުރައްވާފައިވަނީ ކެންޑިޑޭޓް ނަންބަރު 01 ގެ ގޮތުގައެވެ. އޭނާއާ ވާދަކުރެއްވި ކެންޑިޑޭޓަކީ ނަންބަރު 02، ފާތުމަތު މުނީރެވެ.
މި އިންތިޚާބަކީ ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ބަދަލުތަކެއް ފެނިގެންދިޔަ އިންތިޚާބެކެވެ. މީގެކުރިން، 2026 އޭޕްރީލް 3 ގައި ބޭއްވުނު ލޯކަލް ކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގައި ނަބާހާ ވަނީ މި ދާއިރާއަށް ވާދަކުރައްވައި 734 ވޯޓު (12.3 އިންސައްތަ) ހޯއްދަވައިގެން 5 ވަނައަށް ވަޑައިގެންފައެވެ. އެ ފަހަރުގެ އިންތިޚާބުގައި މި ދާއިރާއިން ޕީއެންސީއަށް ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
ނަމަވެސް، 28 ނޮވެންބަރު 2026 ގައި ބޭއްވުނު މި ބައި-އިލެކްޝަނުގައި ނަބާހާ މި ހޯއްދެވި ކާމިޔާބީއަކީ އެ ރަށުގައި ކުރިން ޕީއެންސީއަށް ޑަބްލިޔުޑީސީގެ ގޮނޑިއެއް ލިބިފައިނުވާ ތާރީޚު ބަދަލުކޮށްލުމަށްފަހު ހޯދި މުހިންމު ކާމިޔާބީއެއް ކަމަށް އެ ރަށުގެ ގިނަ ބަޔަކު ފާހަގަކުރެއެވެ. އެ ރަށުގެ ގިނަ ފަރާތްތަކުން ބުނާ ގޮތުގައި، މި ނަތީޖާއިން ދައްކުވައިދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކަށާއި ސިޔާސަތުތަކަށް އެ ސަރަޙައްދުގެ ރައްޔިތުން ކުރާ އިތުބާރެވެ.