ޚަބަރު
ހުޅުދޫ ޑަބްލިއުޑީސީ ގޮނޑި ޕީއެންސީއަށް: ރައީސް މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް
އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި-އިލެކްޝަން، ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް ފާޠިމަތު ނަބާހާ ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނަބާހާ އަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި މި އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރައްވައި ރައީސް ޑރ. މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ސަރުކާރުގެ ސިޔާސަތުތަކަށް އިތުބާރުކުރައްވައި ޕީއެންސީއަށާއި ނަބާހާއަށް ވޯޓު ދެއްވި އެންމެހައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކެމްޕޭނުގައި ޢަމަލީ ގޮތުން ބައިވެރިވެ، ބުރަކޮށް މަސައްކަތް ކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ރައީސް ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.
މި ގޮނޑި ކާމިޔާބު ކުރެއްވި ފާޠިމަތު ނަބާހާއަކީ ހުޅުދޫގެ އިޖުތިމާޢީ އަދި ކުޅިވަރުގެ ދާއިރާގައި ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޚާއްޞަކޮށް ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށް ކަސްރަތު ޕްރޮގްރާމްތައް ހިންގުމުގައި އޭނާ ފާހަގަކޮށްލެވެއެވެ.
ކާމިޔާބީއަށްފަހު ނަބާހާގެ މައިގަނޑު އަމާޒަކީ ސަރުކާރާ ގުޅިގެން ހުޅުދޫގެ އަންހެނުންނަށް ވަޒީފާއާއި އާމްދަނީގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ކުޅިވަރާއި އިޖުތިމާޢީ ދާއިރާ އިތުރަށް ކުރިއެރުވުމެވެ. އަދި އެއްވެސް ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ރަށުގެ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމެވެ.
މި ނަތީޖާއިން ހާމަވެގެންދަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށް އައްޑޫ ސިޓީގެ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ތާއީދު އޮތް މިންވަރެވެ.