ޚަބަރު
ވެރިކަންކުރާ ޕާޓީގެ ގޮނޑިއެއް ހުސްވުމުން ދޭހަވަނީ ޖުޑިޝަރީގެ މިނިވަންކަން: ފަލާޙް
ކޮންގްރެސް ޕާޓީން ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަލާޙް ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ކޮންގްރެސް ޕާޓީ
ފަރުދުން
29 އޭޕްރީލު 2026، 08:40
29 އޭޕްރީލު 2026، 08:40
ކޯޓު މަރުހަލާއަކަށްފަހު ވެރިކަންކުރާ ޕާޓީގެ ގޮނޑިއެއް ރައްޔިތުންގެ މަޖިލީހުން ހުސްވުމުން ދޭހަކޮށްދެނީ، މިހާރު ޖުޑިޝަރީއަށް އޮތް މިނިވަންކަން ކަމަށް، ކޮންގްރެސް ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ)ގެ ލީޑަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.
ފަލާޙް މިހެން ވިދާޅުވީ، ކޮންގްރެސް ޕާޓީން މިއަދު މެންދުރުފަހު، އެ ޕާޓީގެ ހެޑްކުއާޓާސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ފަލާހް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ސުޕަރ މެޖޯރިޓީއެއް އޮވެ، ސަރުކާރު ހިންގާ ޕާޓީގެ ގޮނޑިއެއް ހުސްވުމުން އޭގެން އަންގައިދޭ ވަރަށް ގިނަ ވާހަކަތައް އެބަހުރިކަމަށެވެ. އެގޮތުން، އެކަމުން އަންގައިދޭ އެންމެ ބޮޑު އެއް ކަމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދުލު އިންސާފުގެ ދާއިރާއާ އެއްވެސް ވަރަކަށް ބެހިވަޑައިނުގަންނަވާކަން ކަމަށާއި، މިއީ ރާއްޖޭގެ ތާރީޙުގައި ދުވަހަކު ވެސް ހިނގިކަމެއް ނޫންކަން ފަލާޙް ފާހަގަކުރެއްވިއެވެ.
މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ އަދުލު އިންސާފުގެ ދާއިރާއަށް، ޖުޑިޝަރީއަށް އަތް ބާނާ، ސްޕްރީމް ކޯޓު ތެރެއަށް ފައި ބާނާ، މިއިން އެއްވެސް ކަމެއް، އެއްވެސް މިންވަރަކަށް ކުރައްވާ ވެރިއެއް ނޫންކަން.
ފަލާޙް ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ބައްދަލުވުމުގައި، އެމްޑީޕީ ޓިކެޓުގައި އދ. މަންދޫ ކައުންސިލަށް އިންތިޚާބުވި އަލްފާޟިލާ ޝަހީމާ ޝިހާބު ވެސް ވަނީ އެ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
އެމްޑީޕީ ދޫކޮށް ކޮންގްރެސް ޕާޓީއާ ގުޅިވަޑައިގެންނެވުމަށްފަހު ޝަހީމާ ވިދާޅުވީ، ކޮންގްރެސް ޕާޓީއާ ގުޅުނީ ސަރުކާރާ ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވާތީ ކަމަށާއި އަދި އެ ޕާޓީއާ ގުޅިގެން ރަށަށް ފައިދާހުރި ކަންކަން ކުރުމުގައި ދެމިހުންނަވާނެ ކަމަށެވެ.