ޚަބަރު
އިޒްރާއިލްގެ ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރަނީ

މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ. ފޮޓޯ: މަޖިލިސް
އިޒްރާއިލް ޕާސްޕޯޓު މަނާކުރާ ބިލުގެ މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި ބިލްގެ މަސައްކަތް އަވަސްކުރަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިއަދު ފާސްކޮށްފިއެވެ.
އިޒްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރަން މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމެވެ.
މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހު ހުށަހެޅި ބިލު ބަލައިގަނެ މަޖިލިހުގެ ކޮމިޓީއަށް ފޮނުވިތާ އެތައް ދުވަހެއް ފަހުން، ބިލް ދިރާސާ ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ. އެންމެ ފުރަތަމަ މި ބިލްގެ ސުންގަޑިއެއްގެ ގޮތުގައި ކަނޑައެޅީ އަންނަ އަހަރުގެ ފެބްރުއަރީގެ ނިޔަލަށް ބިލްގެ މަސައްކަތް ނިންމުމަށެވެ.
އޭގެ ފަހުން ބޭއްވި ކޮމިޓީގައި ބައެއް އިދާރާތައް ހާޒިރު ކުރަން ފާސްކޮށްފައިވެއެވެ. އޭގެ ތެރޭގައި ހުރިހާ ސިޔާސީ ޕާޓީތަކާއި ބަންޑާރަ ނައިބުގެ އޮފީހާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާ އާއި ވިޔަފާރި އާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާ އާއި ދަތުރުފަތުރާއި ބެހޭ ވުޒާރާއި އާއި އިމިގްރޭޝަނާއި ފަތުރުވެރިކަމާ ގުޅުން ހުރި ބައެއް ޖަމިއްޔާތައް ހިމެނެއެވެ. އެ މަސައްކަތް ނިންމައި ހުރިހާ އިދާރާތަކެއް ޑިސެމްބަރުގެ ނިޔަލަށް ހާޒިރު ކުރުމަށް އެ ބައްދަލުވުމުގައި ނިންމިއެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ކޮމިޓީގެ މުޤައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ބިލްގެ މަސައްކަތް ކޮމިޓީން އަވަހަށް ނިންމުމަށް އިދާރީ ބައެއް ބަދަލުތައް ގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މާދަމާ އިން ފެށިގެން ކަމާ ގުޅުން ހުރި އިދާރާތައް ހާޒިރުކޮށް ނިންމުމަށް ކޮމިޓީން ފާސްކޮށްފައިވެއެވެ.
ބިލުގައިވަނީ އިޒްރާއީލް ޕާސްޕޯޓާއި އެހެން ޤައުމެއްގެ ޕާސްޕޯޓެއް އޮތް އިޒްރާއީލްގެ ރައްޔިތަކު ވެސް ރާއްޖެ އެތެރެވުމުގެ ހުއްދަ ނެތް މީހެއްގެ ގޮތުގައި ކަނޑައަޅަން ހުށަހަޅައިފައެވެ. މި ބިލު ހުށަހެޅި އިޒްރާއީލުން ފަލަސްޠީނުގެ ދަރިފަސްކޮޅު ނައްތާލުމަށް ހިންގަމުންގެންދާ ޤަތުލުއާންމާއި ދެކޮޅަށް ރާއްޖެއިން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށް ބިލުގައި ބުނެފައިވެއެވެ.
އިސްރާއީލްގެ ޕާސްޕޯޓު މަނާކުރުމަށް ނިމިދިޔަ 19 ވަނަ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވީ ނަމަވެސް، މިހާތަނަށް ވަކި ގޮތަކަށް އަމަލުކޮށްފައިނުވާތީ ޤާނޫނަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ވެސް ބިލްގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.