ޚަބަރު
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އަވަސް ޚިދުމަތެއް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާތަކެއް
މަޝްވަރާ ބައްދަލުވުން/ފޮޓޯ:ވުޒާރާ
ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ޚިދުމަތްތަކެއް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާކޮށްފައި ވަނީ ރާއްޖޭގައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި، މި ދާއިރާއިން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ޞިއްޙަތާއި ޢާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ގީލާ ޢަލީއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.
ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި، ހުރިހާ އުމުރުފުރާތަކަކަށް އަމާޒުކޮށްގެން ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ފެށުމާއި، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ހުރި ނަމަވެސް، ނަފްސާނީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ލަސްނުވެ އެންމެ ފުރިހަމަ ޚިދުމަތް ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
މީގެ އިތުރުން، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ނަފްސާނީ ބަލިތަކާ ގުޅުންހުރި މައްސަލަތަކުގައި ފުލުހުން ހަރަކާތްތެރިވާއިރު ކުރިމަތިވާ ތަފާތު ގޮންޖެހުންތަކާއި ކަންބޮޑުވުންތައް ވެސް ކޮމިޝަނަރ، ވަޒީރާ ހިއްސާކުރައްވާފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ބައްދަލުކުރެއްވުމުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.