ޚަބަރު
ރައްކާ ރޯޑު ޝޯވގެ ހަރަކާތެއް ރ. އަތޮޅުގައި ކުރިޔަށްގެންގޮސްފި
ރައްކާ ރޯޑު ޝޯވގެ ހަރަކާތެއް ރ. އަތޮޅުގައި ކުރިޔަށްގެންދިއުން---
ފަރުދުން
30 އޭޕްރީލު 2026، 11:10
30 އޭޕްރީލު 2026، 11:10
ރައްކާ ރޯޑު ޝޯވގެ ހަރަކާތެއް ރ. އަތޮޅުގައި ކުރިޔަށްގެންގޮސްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި މި ހަރަކާތް ކުރިޔަށް ގެންގޮސްފައި ވަނީ މި އެޕްރީލް މަހުގެ 17 އިން 27 އަށެވެ. އަދި މި ހަރަކާތުގައި އެ އަތޮޅުގެ ރަށްރަށުގެ މުއައްސަސާތަކާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުން ލިބުނުކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ރައްކާ ރޯޑު ޝޯވއަކީ 2014ވަނަ އަހަރުން ފެށިގެން ފުލުހުން ކުރިޔަށްގެންދާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ މަޤުޞަދަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ރައްކާތެރި މުޖުތަމައެއް ބިނާކުރުމެވެ. އަދި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމުގެ އާދަ އެންމެންގެ ކިބައިގައި އަށަގެންނެވުމާއި، އެ ގަވާއިދުތަކަށް ބޯލެނބުމަށް ބާރުއެޅުމުގެ އިތުރުން، މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރުމަކީ އެންމެން ގުޅިގެން އެންމެންގެ ބައިވެރިވުން އޮވެގެން ހާސިލުކުރެވޭނެ ކަމެއްކަން ބުނެދީ އެކަމަށް މަސައްކަތް ކުރުމަށް ކުރިއަށް ގެންދިޔުމެވެ.
އެހެންކަމުން މި ޕްރޮގްރާމް ކުރިޔަށްގެންދަނީ މުޖުތަމަޢުގެ އެންމެނަށް އަމާޒުކޮށްގެންނެވެ. އެގޮތުން ޒުވާނުންނާއި، ދަރިވަރުންނާއި، ބެލެނިވެރިންނާއި، މުޖުތަމައުގެ އިސް ފަރާތްތަކުގެ އިތުރުން އެކި ދާއިރާތަކުގެ މަސައްކަތްތެރިން ވެސް މި ޕްރޮގްރާމްގައި ބައިވެރިވެއެވެ.
ރައްކާ ރޯޑް ޝޯގެ ދަށުން ކުޅިވަރު ހަރަކާތްތަކާއި ކުއިޒް މުބާރާތެއްގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށާއި، އިންޓަނެޓް މެދުވެރިކޮށް ހިންގާ ކުށްތަކުން ރައްކާތެރިކުރުވުމަށާއި ރައްކާތެރިގޮތުގައި އިންޓަނެޓް ބޭނުންކުރުމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، ސްކޫލުތަކުގެ ދަރިވަރުންނާއި ރަށްރަށުގެ ހުރިހާ ރައްޔިތުން ހިމެނޭ ގޮތަށް މައުލޫމާތު ދިނުމުގެ ސެޝަންތަކާއި ވޯކް އެންޑް ޓޯކް ހަރަކާތްތައް ރ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ހަރަކާތުގެ ތެރެއިން، އުނގޫފާރު، މީދޫ އަދި ދުވާފަރު ސުކޫލު ދަރިވަރުންނަށް ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައުލޫމާތު ހިމެނޭ ބިލްބޯޑު ދުވާފަރުގެ މަގުތަކުގައި ހަރުކުރުމުގެ އިތުރުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބީޗް ބްލާސްޓްގެ ނަމުގައި މޫދު ކުޅިވަރު ހަރަކާތްތަަކެއް ވެސް ދުވާފަރުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
އޭގެ އިތުރުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުމުގެ ގޮތުން ރޯޑް ސޭފްޓީ ހިނގާލުމެއް ބާއްވާފައިވެއެވެ. މި ހިނގާލުމުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީގެ އިތުރުން، ދުވާފަރުގެ ރައްޔިތުންނާއި މުޖުތަމައުގެ އެކި ފަރާތްތަކާއި މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެލެއްވިއެވެ. މި ހަރަކާތުގައި އިސްކަންދީފައިވަނީ މަގުމަތީގެ ސަލާމަތަކީ އެންމެންގެ ޒިންމާއެއް ކަމުގެ މެސެޖު ފޯރުކޮށްދިނުމަށެވެ. އެގޮތުން ޓްރެފިކް ގަވާއިދުތަކަށް ބޯލެނބުމާއި، ހިނގާ މީހުންނަށް ސަމާލުވުމާއި، މަގު ބޭނުންކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ބާރުއަޅާފައިވެއެވެ.