ޚަބަރު
ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުސް އޮފިސަރެއްގެ ސައިކަލު ރޯކޮށްލި މައްސަލައެއް ބަލަނީ
ފުލުސް އޮފިސަރުގެ ސައިކަލު ރޯކޮށްލާފައި / ފޮޓޯ: ފޭސްބުކް
ފުލުސް އޮފިސަރެއްގެ ސައިކަލެއް ޤަސްތުގައި ރޯކޮށްލި މައްސަލައެއް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
މިއީ 2026 އެޕްރީލް 27ވަނަ ދުވަހުގެރޭގެ 10:30 ހާއިރު ށ. ފޯކައިދޫގައި ހިނގި ހާދިސާއެކެވެ. މި މައްސަލައާ ގުޅިގެން ފުލުހު ބުނީ، ތަޙުޤީޤަށް އެނގިފައިވާ ގޮތުގައި މިއީ ފުލުސް އޮފިސަރަކަށް އަމާޒުކޮށް ގަސްތުގައި ހިންގި އަމަލެއްކަން އެނގިފައިވާ ކަމަށެވެ. އެހެންކަމުން މި ޢަމަލު ހިންގި ފަރާތްތައް ހޯދައި، އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މިހާރު ކުރެވެމުންދާކަމަށް ވަނީ ހާމަކޮށްފައެވެ.
މި ހާދިސާގައި ސައިކަލު ބޭނުން ނުކުރެވޭ ވަރަށް އަންދާލާފައިވާއިރު، އެ ފުލުސް އޮފިސަރު ދިރިއުޅެމުންދިޔަ ގޭގެ ގޭޓު ހިމެނޭހެން ގޭގެ ބައެއް ސަރަޙައްދުތަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ޤާނޫނު ތަންފީޒުކުރާ މުއައްޒަފުންނަށް އަމާޒުކޮށް ހިންގާ ބިރުދެއްކުމުގެ އެފަދަ ޢަމަލުތައް ފުލުހުންގެ ޚިދުމަތުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި، އެއީ މުޅި މުޖުތަމަޢުގެ ސަލާމަތާއި، ރައްކާތެރިކަމަށް އޮތް ގޮންޖެހުމެއްގެ ގޮތުގައި ޤަބޫލު ކުރައްވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކުށް ކުރާ މީހުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ބިރުދެއްކުމަށް ހިންގާ ފިނޑި އަމަލުތަކުގެ ސަބަބުން ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެކަމަށް ފުލުހުން ހާމަކުރެއެވެ.
މީގެއިތުރުން އަނިޔާކުރުމާއި ބަދަލުހިފުމުގެ ރޫހުގައި ހިންގާ ކޮންމެ އަމަލަކާ މެދު، ފަސްޖެހުމެއް ނެތި ޤާނޫނީ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.