ޚަބަރު
ތ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެތި ހޯދައި ނ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފި
ނ. އަތޮޅުގައި ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކުރި ދެ މީހުން---
ތ. އަތޮޅުގެ ދެ ރަށަކުން މަސްތުވާތަކެތި ހޯދައި، މަސްތުވާތެކެތީގެ އިތުރު މައްސަލައެއްގައި ނ. އަތޮޅުން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ތ. އަތޮޅުގައި އޮޕަރޭޝަންތައް ހިންގީ ވޭމަންޑޫ އާއި އެ އަތޮޅު ބުރުނީގައެވެ.
އޭގެތެރެއިން އެޕްރީލް 30 ވަނަ ދުވަހު ބުރިނީގައި ހިންގި އޮޕަރޭޝަނުގައި ފުލުހުން ވަނީ، އެ ރަށު ބަނދަރު ސަރަހައްދުގައި ވެރިއަކު ނެތި ބަހައްޓާފައި ހުރި ފޮށިގަނޑެއް ބަލައިފާސްކޮށްފައެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އެ ފޮށިގަނޑުން ވަނީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 11 ގުރާމުކަމަށް ހުރިކަމަށާއި، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ވޭމަންޑޫގައި އޮޕަރޭޝަނެއް ހިންގާފައި ވަނީ އެ ރަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތާ ގުޅިގެންނެވެ. އެޕްރީލް 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި، މީހަކު ހުއްޓުވައިބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައިގައި އޭނާ ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށްފަހު އޭނާ ދޫކޮށޤލާފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
މަސްތުވާތަކެތީގެ ބަރުދަން ބެލުން / ފޮޓޯ: ޕޮލިސް
ނ. އަތޮޅުގައި ފުލުހުން ހިންގި އޮޕަރޭޝަންތަކުގައި ހައްޔަރުކޮށްފައި ވަނީ ނ. މާފަރު / އަނޫޝާހައުސް، ޢަލީ ފައިޞަލް (36އ) އާއި ހއ. އުތީމު / ރޭނިގެ، މުޙައްމަދު ރާމިޒް (27އ) އެވެ.
މި ދެ މީހުންގެ ތެރެއިން މުޙައްމަދު ރާމިޒް ހައްޔަރުކޮށްފައި ވަނީ ނ. އަތޮޅު ރިސޯޓަކަށް މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައެވެ. އޭނާ ރިސޯޓުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ރަބަރު ޕެކެޓާއި ފިލްމު ހުސްކުރި ތިން ދަޅު ފެނިފައިވެއެވެ.
ޢަލީ ފައިޞަލް ހައްޔަރުކޮށްފައިވަނީ މާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މަޢުލޫމަތަކާ ގުޅިގެން އެޕްރީލް 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައެވެ. ބަލައިފާސްކުރިއިރު ފެނުނު ތަކެތީގެ ބަރުދަނުގައި 122.44 ގުރާމު ހުއްޓެވެ.
މި ދެ މީހުން ވެސް ފަސް ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަތައް ފުލުހުން ދަނީ ތަޙުޤީގުކުރަމުންނެވެ.