Ads by Farudhun

ޚަބަރު

އދ. ފެންފުށީ ޕޮލިސް ޕޯސްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް: މިހާރު ކުރިއަށްދަނީ ރޫފް ބީމްގެ މަސައްކަތް

އދ. ފެންފުށީ ޕޮލިސް ޕޯސްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް: މިހާރު ކުރިއަށްދަނީ ރޫފް ބީމްގެ މަސައްކަތް

ފެންފުށީ ޕޮލިސް ސްޓޭޝަންގެ މަސައްކަތް -- ފޮޓޯ : އާރޑީސީ

02 މޭ 2026، 09:45

އދ. ފެންފުށީގައި ސަރުކާރުން އިމާރާތް ކުރަމުންދާ ފުލުހުންގެ ޕޯސްޓުގެ މަސައްކަތް ބާރުމިނުގައި ކުރިއަށް  އެބަދެއެވެ.

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ އިމާރާތުގެ ރޫފް ބީމް އެޅުމުގެ މަސައްކަތްތަކެވެ.

މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނެވެ. މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރައްވައި، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހާއްސަ ސިޔާސަތުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.

ސަރުކާރުގެ އަމާޒަކީ މި ހިނގާ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކޮށް ނިންމުމެވެ. މި މަގުސަދު ހާސިލުކުރުމަށްޓަކައި ރަށްރަށުގެ އާބާދީއާއި ނިސްބަތަށް ބަލައި، ޕޮލިސް ސްޓޭޝަންތަކާއި، ޕޮލިސް ޕޯސްޓުތަކުގެ އިތުރުން ޕޮލިސް ޑެސްކުތައް ގާއިމުކުރުމުގެ މަސައްކަތްތައް ދަނީ މުޅި ރާއްޖޭގައި ކުރިއަށްދަމުންނެވެ.

ރާއްޖޭގައި ކުށް މަދުކުރުމަކީ ރައީސް ޑރ މުއިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަސައްކަތެވެ. އެގޮތުން ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުވެގެން ދިއުމަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި، ގޭންގް މާރާމާރީ ފަދަ އިޖުތިމާއީ ބޮޑެތި ކުށްތަކަށް ދާއިމީ ހައްލެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެއެވެ.

އދ. ފެންފުށީގައި އިމާރާތްކުރާ މި ޕޮލިސް ޕޯސްޓުގެ މަސައްކަތް ނިމި ހިދުމަތް ފެށުމުން، އެ ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450