ޚަބަރު
މޫސުން ގޯސްވާނެކަމަށް ލަފާކޮށް، ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު!
ވާރޭ ވެހެނީ/ފޮޓޯ: މަސްވެރިން
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަކުރާނެ ކަމަށާއި، ހުދު ސަމާލު ނެރިފައިވާ ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ވަނީ، މިއަދު މެންދުރުފަހު 14:00 އިން ފެށިގެން މިރޭ 20:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅު ހިމެނޭހެން ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން، އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
Alert white for heavy rain pic.twitter.com/4S6vjSgsru
— Maldives Meteorology (@MetMaldives) May 2, 2026
މޫސުމާ ބެހޭ ޤައުމީ އިދާރާއިން، މިއަދު ފަތިހު 05:30 އިން ފެށިގެން ހެނދުނު 10:30 އާއި ހަމައަށް މ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް ވެސް ހުދު ސަމާލެއް ނެރިފައިވާއިރު، މިއަދު މެންދުރު ފަހު، ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުމުގެ ސަބަބުން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފުން ޙަރަކާތްތެރިވެފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.