ދުނިޔެ
ޓްރަމްޕް އެމެރިކާގެ ކަނޑުގެ ސިފައިން "ކަނޑުފޭރޭ" މީހުންގެ ގޮތުގައި ސިފަކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. ފޮޓޯ: ރޮއިޓާސް
އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް ހިންގާ އޮޕަރޭޝަންތަކުގައި އެމެރިކާގެ ކަނޑުގެ ސިފައިން އަމަލުކުރަމުންދަނީ "ކަނޑުފޭރޭ މީހުން ފަދައިން" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަކޮށްފިއެވެ.
ފްލޮރިޑާގައި ބޭއްވި އެއްވުމެއްގައި ވާހަކަދައްކަވަމުން ޓްރަމްޕް ވަނީ އީރާނުގެ ތެޔޮ އުފުލާ ބޯޓުތައް ހިފެހެއްޓުމަކީ ވަރަށް ފައިދާހުރި ވިޔަފާރިއެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ޓްރަމްޕް ބުނީ އެ ބޯޓްތަކަށް އަރައި އެ ބޯޓްތައް އެމެރިކާގެ ސިފައިންގެ ބެލުމުގެ ދަށަށްގެނެސް، އެ ބޯޓޮްތަކުގައި ހުންނަ ތެލާއި، މުދާ އަތުލާނެ ކަމަށް ޓްރަމމްޕް ވަނީ ބުނެފައެވެ. ހަމައެއާއެކު ޓްރަމްޕް ބުނީ މިއި އެމެރިކާއަށް ވަރަށް ފައިދާ ކުރާނެކަމެއްކަމަށާއި، އެމެރިކާ ސިފައިން އުޅޭނީ ކަނޑ ފޭރޭ މީހުން އުޅޭ ގޮަތަށް ކަމަށެވެ.
މި މަސްރަހު ގޯސްވެފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް ހަމަލާދީފައެވެ.
މީގެ އިތުރުން، ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅިވެސް އީރާނުން ބަންދުކުރިއެވެ. އޭޕްރިލް 8 ވަނަ ދުވަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ނަމަވެސް، ޓްރަމްޕް ވަނީ އޭޕްރިލް 13 ގައި އަލުން އީރާނުގެ ބަނދަރުތައް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ޕާކިސްތާނު މެދުވެރިވެގެން ކުރިއަށްދާ ސުލްހައިގެ މަޝްވަރާތަކާ ގުޅޭގޮތުން ޓްރަމްޕް ބުނީ، އީރާނުން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުމާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރުވެސް ޓްރަމްޕް ވަނީ ދީފައެވެ.
މިކަމާ ގުޅިގެން އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާއިން އެއްބަސްވުންތަކަށް އިހުތިރާމް ނުކުރާކަމުގެ ހެކިތައް ފެންނަން ހުރުމުން، އަލުން ހަނގުރާމައެއް ފެށުމުގެ ފުރުސަތު ބޮޑު ކަމަށެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ، މިއީ އެއްވެސް އުދުވާނަކާ ނުލައި އެމެރިކާއިން ފަށާފައިވާ ޣައިރު ގާނޫނީ ހަނގުރާމައެއް ކަމަށާއި، މިކަމަށް އެމެރިކާގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ އެތެރޭގައިވެސް މި ހަނގުރާމައަށް ފާޑުކިޔުންތައް އަމާޒުވަމުންދާއިރު، ސެނެޓަރު ކާސްޓަން ގިލިބްރޭންޑް ބުނެފައިވަނީ އީރާނުން އެމެރިކާއަށް ހަމަލާއެއް ދޭން އުޅޭކަމުގެ އެއްވެސް ހެއްކެއް ސަރުކާރަށް ލިބިފައި ނުވާ ކަމަށެވެ.