ދުނިޔެ
ތެލުގެ އަގުބޮޑުވުމުގެ ސަބަބުން ސްޕިރިޓް އެއާލައިންސްގެ ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށް ހިދުމަތް ހުއްޓާލައިފި
ސްޕިރިޓް އެއާލައިންސްގެ ފްލައިޓެއް. ފޮޓޯ: ރޮއިޓާސް
އެމެރިކާގެ އަގުހެޔޮ އެއާލައިން، ސްޕިރިޓް އެއާލައިންސްއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެ ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލައި، ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފިއެވެ.
މި ނިންމުން ނިންމާފައިވަނީ ވައިޓް ހައުސްއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ.
ސްޕިރިޓް އެއާލައިންސްގެ ބެލެނިވެރި ކުންފުނި، ސްޕިރިޓް އޭވިއޭޝަން ހޯލްޑިންގްސް އިން ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަގުތުން ފެށިގެން ކުންފުނީގެ ހިދުމަތްތައް ހުއްޓާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ހުރިހާ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާތީ، އެ އެއާލައިނުން ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކުން އެއާޕޯޓަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ތެލުގެ އަގުބޮޑުވުމާއި ހަނގުރާމައިގެ އަސަރު
އިރާނު ހަނގުރާމައާ ގުޅިގެން މަތިންދާބޯޓަށް އަޅާ ތެލުގެ އަގު ދެގުނައަށް އުފުލިފައިވާއިރު، މިއީ އެއާލައިން ބަންދުކުރަން ޖެހުނު މައިގަނޑު ސަބަބެވެ. ސްޕިރިޓްގެ ރީސްޓްރަކްޗަރިން ޕްލޭންގައި ތެލުގެ އަގު ގެލަނަކަށް 2.24 ޑޮލަރުގައި ހުންނާނެ ކަމަށް ލަފާކުރި ނަމަވެސް، އޭޕްރީލް މަހުގެ ނިޔަލަށް މި އަގު ވަނީ 4.51 ޑޮލަރަށް އުފުލިފައެވެ. މީގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު އިތުރަށް ގޯސްވެ، ދެވަނަ ފަހަރަށް ބަނގުރޫޓުވުމުން ސަލާމަތްވުމަށް ކުރި އުންމީދުތައް ވަނީ ގެއްލިފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ސްޕިރިޓް ސަލާމަތްކުރުމަށް 500 މިލިއަން ޑޮލަރުގެ އެހީގެ ޕެކޭޖެއް ހުށަހަޅުއްވާފައެވެ. ނަމަވެސް، ކޮންގްރެސްގެ ރިޕަބްލިކަން މެންބަރުންނާއި ރައީސްގެ މުޝީރުންގެ ދެކޮޅުހެދުންތަކާ ހުރެ މި އެހީ ފޯރުކޮށްދެވޭ ގޮތް ވަނީ ނުވެފައެވެ. ޓްރަމްޕް ވިދާޅުވީ، ކުންފުންޏަށް އެހީތެރިވާން ބޭނުންވި ނަމަވެސް އެއީ ދައުލަތަށް ފައިދާހުރި މުއާމަލާތަކަށް ވާންޖެހޭނެ ކަމަށެވެ.
ޓްރާންސްޕޯޓް ސެކްރެޓަރީ ޝޯން ޑަފީ ވިދާޅުވި ގޮތުގައި، އެހެން އެއާލައިންތަކުން ސްޕިރިޓް ގަތުމަށް ބާރުއެޅި ނަމަވެސް އެއްވެސް ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެއެވެ. "އެއްވެސް ބަޔަކު ގަންނަން ބޭނުންނުވާ އެއްޗެއް އަހަރެމެން ގަންނަންވީ ކީއްވެ؟" ޑަފީ ސުވާލު އުފެއްދެވިއެވެ.
ސްޕިރިޓް އެއާލައިންސް ހުއްޓާލުމުގެ ސަބަބުން އެތައް ހާސް މުވައްޒަފުންނެއްގެ ވަޒީފާ ގެއްލިގެންދާނެއެވެ. އެމެރިކާގެ އެތެރޭގެ އުދުހުންތަކުގެ 5 އިންސައްތަ ހިއްސާކުރާ މި އެއާލައިނަކީ ޓިކެޓްގެ އަގު ހެޔޮކޮށް ބެހެއްޓުމަށް ބޮޑު ދައުރެއް އަދާކުރި ކުންފުންޏެކެވެ. ވޭތުވެދިޔަ 20 އަހަރު ތެރޭގައި އެމެރިކާގައި މިވަރުގެ ބޮޑު އެއާލައިނެއް ހުއްޓާލި މިއީ ފުރަތަމަ ފަހަރެވެ.