ދުނިޔެ
ހަނގުރާމައިގެ ސަބަބުން އީރާނުގެ އިޤްތިޞާދީ ޙާލަތު ދަށަށް
ތެހެރާންގެ ވަލިއަސްރު މައިދާނުގައި ހުންނަ އިމާރާތެއްގައި ހަރުކޮށްފައިވާ، ރައީސް ޑޮނަލްޑް ޓްރަމްޕާއި ހޯރްމޫޒް ކަނޑުއޮޅިއަށް ނިސްބަތްކޮށް ތައްޔާރުކޮށްފައިވާ އެމެރިކާއާ ދެކޮޅު ބިލްބޯޑެއް ފޮޓޯ: އޭއެފްޕީ
އެމެރިކާއާއި އިސްރާއީލާއެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން އީރާނުގެ އިޤްތިޞާދަށް ބޮޑެތި ގެއްލުންތަކެއްވެ، ތަކެތީގެ އަގު އިންތިހާއަށް އުފުލި މިލިއަނުން ވަޒީފާތައް ގެއްލެން ފަށައިފިއެވެ.
އީރާނުގެ މަސައްކަތު ހަފުތާ ފެށުނު މިދިޔަ ހޮނިހިރު ދުވަހު، ކާބޯތަކެއްޗާއި، ބޭހާއި، އުޅަނދުފަހަރާއި، އިލެކްޓްރޯނިކް ސާމާނުގެ އަގުތައް ކުރީ ހަފުތާއަށްވުރެ އެތައް ގުނައެއް ވަނީ ބޮޑުވެފައެވެ.
އީރާނުގެ އިޤްތިޞާދަށް މިފަދަ ބޮޑު ލޮޅުމެއް އައިސްފައިވަނީ ޤައުމުގެ އިންފްރާސްޓްރަކްޗަރަށް ދެމުންދާ ހަމަލާތަކާއި، އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ކަނޑުގެ މަގުން މުދާ އެތެރެކުރުން ހުއްޓުވުމުގެ އިތުރުން ސަރުކާރުން އިންޓަނެޓް ކަނޑާލާފައި އޮތުމުގެ ސަބަބުންނެވެ. އީރާނުގެ ފައިސާ ކަމަށްވާ ރިއާލްގެ އަގު ވަނީ ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައެވެ. މިހާރު ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރެއްގެ އަގު ހުރީ 1.84 މިލިއަން ރިއާލްގައެވެ.
ބާޒާރުގައި ތަކެތީގެ އަގު ބޮޑުވަމުންދާ ދުވެލި ހުރީ މީގެ ކުރިން ދުވަހަކުވެސް ނުދެކޭ ފަދަ މިންވަރެއްގައެވެ. މިސާލަކަށް، އެމެރިކާގައި 1,200 ޑޮލަރަށް ލިބޭ އައިފޯން 17 ޕްރޯ މެކްސްއެއް އީރާނުގެ ފިހާރަތަކުން ވިއްކަނީ ގާތްގަނޑަކަށް 2,750 ޑޮލަރަށެވެ. އަދި އާދައިގެ ކާރެއް ކަމަށްވާ ޕެޖޯ 206 އެއްގެ އަގު ވަނީ 16,500 ޑޮލަރަށް އުފުލިފައެވެ. ބައެއް ވިޔަފާރިވެރިން މުދާ ވިއްކުމަށް އިންކާރު ކުރަމުންދާއިރު، އިމްޕޯޓް ކުރާ މުދަލުގެ އަގު އަވަށްޓެރި ޤައުމުތަކަށްވުރެ ފަސް ގުނަ ބޮޑުވެފައިވާކަން ފާހަގަކުރެވެއެވެ.
އީރާނުގެ މަހު މުސާރައިގެ އެންމެ ދަށް މިންވަރަކީ މިހާރު 92 ޑޮލަރަށްވުރެ ކުޑަ އަދަދެކެވެ. ސަރުކާރުން ކާބޯތަކެއްޗަށް ސަބްސިޑީގެ ގޮތުގައި މީހަކަށް މަހަކު 10 ޑޮލަރު ދިން ނަމަވެސް، އާންމުން ބުނަނީ ލިބޭ އާމްދަނީއާއި ތަކެތީގެ އަގުތަކާ ނުބައްދަލު ކަމަށެވެ. "އަގުތަކާއި މުސާރައަށް ބަލާއިރު، އެއްވެސް ވަރަކަށް ދެކޮޅެއް ނުޖެހޭ،" ތެހެރާންގެ ރައްޔިތަކު ބުންޏެވެ.
ވަޒީފާގެ ބާޒާރަށް ބަލާއިރު، ޓެކްނޮލޮޖީ ކުންފުނިތަކުން ފެށިގެން ބޮޑެތި ފެކްޓްރީތަކާ ހަމައަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވަކިކޮށްފައެވެ. ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ސަރުކާރުން ވަޒީފާ ގެއްލުނު މީހުންގެ ސީދާ އަދަދެއް ހާމަކޮށްފައި ނުވި ނަމަވެސް، ޤައުމުގެ އެކި ކަންކޮޅުތަކުގައި ހުރި ބޮޑެތި ކުންފުނިތަކަށް ވަނީ މުވައްޒަފުން މަދުކުރަން މަޖުބޫރުވެފައެވެ.
އީރާނުގެ އާ ސުޕްރީމް ލީޑަރު މުޖްތަބާ ޚާމަނާއީ ހުކުރު ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަސްކަރީ ކުރިމަތިލުންތަކުގައި އީރާނުގެ ވަރުގަދަ ޤާބިލުކަން ދުނިޔެއަށް ސާބިތުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް، މިހާރު އޮތީ އިޤްތިޞާދީ އަދި ޘަޤާފަތަށް ދެމުންދާ ގެއްލުންތަކުގެ ތެރެއިން ހަނގުރާމައެއްގައި ދުޝްމަނުން ބަލިކުރަންޖެހޭ ވަގުތު ކަމަށް އޭނާ ވިދާޅުވިއެވެ. ހަނގުރާމަ ފެށުނު ފަހުން އާންމުންގެ ކުރިމައްޗަށް ވަޑައިނުގަންނަވާ ޚާމަނާއީ ވަނީ، ވީހާވެސް ބޮޑަށް މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް ވިޔަފާރިތަކަށް ގޮވާލައްވާފައެވެ.