Ads by Farudhun

ޚަބަރު

ރަށްވެހިކަން މާލެއަށް ބަދަލުކުރި ފަރާތްތަކަށް އެކަމަށް އަހަރުނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ

ރަށްވެހިކަން މާލެއަށް ބަދަލުކުރި ފަރާތްތަކަށް އެކަމަށް އަހަރުނުވިޔަސް ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ

ބޯހިޔާވަހިކަން އެންމެނަށް ޕްރޮގްރާމްގެ މަޢުލޫމާތު ދޭ މޭޒެއް. ފޮޓޯ: މިހާރު ފިޔާޒް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 މޭ 2026، 06:51

03 މޭ 2026، 06:51

މާލޭގައި އެއް އަހަރަށްވުރެ ކުރު މުއްދަތެއްގައި ރަށްވެހިވެފައިވީ ނަމަވެސް، މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ކެޓަގަރީއަށް ޝަރުތު ފުރިހަމަވާނަމަ ބޯހިޔާވަހިކަމަށް އެދި ހުށަހެޅޭގޮތަށް ބަދަލުގެނަސްފައިވާކަމަށް ބިނާރާ، ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

 މި ބަދަލަކީ މާލޭގައި ދިގު މުއްދަތަކަށް ދިރިއުޅެމުންދާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ބައިވެރިވުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ގެނައި ބަދަލެކެވެ.

މީގެ ކުރިން އޮތް އުސޫލަކީ މާލޭގައި މެދުނުކެނޑި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކުގެ ތެރެއިން ރަށްވެހިކަން މާލެއަށް ބަދަލުކޮށް އެއް އަހަރުވެފައިވާ ފަރާތްތަކަށް ކުރިމަތިލެވޭ ގޮތަށެވެ. ނަމަވެސް، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ގެނައި އާ ބަދަލާއެކު، މާލެއަށް ރަށްވެހިކަން ބަދަލުކުރިތާ އަހަރު ނުވިނަމަވެސް މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތްތަކަށް އެ ކެޓަގަރީގެ ޝަރުތު ފުރިހަމަވާނަމަ މިހާރު އެޕްލައި ކުރެވޭނެއެވެ.

އެ ވުޒާރާއިން އާންމުކުރި ޢިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުރުސަތުގެ ބޭނުން ހިފާ ފަރާތްތަކުން "މެދުނުކެނޑި މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ ފަރާތެއް" ކަން އެނގޭނެ ލިޔެކިިޔުމުގެ އިތުރުން މާލޭގައި ރަށްވެހިވީ ތާރީޚު އަންގައިދޭ ލިޔުމެއް ހުށައަޅަން ޖެހޭނެއެވެ.


ގެދޮރުވެރިޔާ ޕްރޮގްރާމާއި އާ ކެޓަގަރީތައް
ގެދޮރުވެރިޔާ ޕްރޮގްރާމަކީ ނިމުނު ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގައި ޖޮއިންޓްކޮށް ގޯތި ލިބުނު މީހުންގެ ތެރެއިން، ވަކިން ގޯތިތަކަށް ބަދަލުވާން ބޭނުންވާ އާއިލާތަކަށް ދޭ ފުރުޞަތެކެވެ. މީގެ އިތުރުން، ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން ފްލެޓެއް ލިބިފައި އޮތުމުގެ ސަބަބުން ބިންވެރިޔާ ސްކީމަށް ކުރިމަތި ނުލެވުނު ފަރާތްތަކަށްވެސް މި ޕްރޮގްރާމުގެ ދަށުން ފުރުސަތު ލިބިގެންދާނެއެވެ.

ސަރުކާރުން މިހާރު ވަނީ "ގޯތިގެދޮރު" ޕުރޮގުރާމުގެ "ބިންވެރިޔާ"ގެ ޚާއްޞަ ސްކީމަށް އިތުރު ކެޓަގަރީއެއްވެސް އިތުރުކޮށްފައެވެ. އެގޮތުން ކެޓެގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ދެ ބަޔަކަށެވެ. އެއީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ހުށަހަޅަން ބޭނުންވާ ފަރާތްތަކެވެ.

މީގެ އިތުރުން، ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅަން އެދޭ ފަރާތްތަކަށްވެސް މި ކެޓަގަރީގެ ދަށުން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450