ޚަބަރު
ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި ޙުއްދައާ ޚިލާފުވާނަމަ ފިޔަވަޅު އަޅަނީ
ވެލި ނަގައިގެން ފަޅު ހިއްކުން---
ރަށް ރަށުގައި ހިންގާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުތަކުގައި އެ މަޝްރޫޢުތަކަށް ދޫކޮށްފައިވާ ޙުއްދައިގެ ބޭރުން މަސައްކަތްކުރާނަމަ، ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ހާމަކޮށްފިއެވެ.
އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން މިއަދު ކުރި އިޢުލާނެއްގައި ބުނީ، އެ އޮތޯރިޓީއިން ޙުއްދަ ދީގެން ކުރިއަށްގެންދާ ފަޅު ފުންކުރުމާއި ހިއްކުމުގެ މަޝްރޫޢުތަކާ ގުޅިގެން، ގިނަ އަދަދެއްގެ ޝަކުވާތައް ލިބެމުންދާކަމަށެވެ.
އެ ޝަކުވާތަކަށް ބަލާއިރު، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމައަށް ނާޅާ މަޝްރޫޢުތައް ކުރިޔަށްގެންދާކަން ފާހަގަކުރެވިފައިވާކަމަށް، އެ އޮތޯރިޓީން ހާމަކުރެއެވެ. އެގޮތުން މަސައްކަތް ފެށުމުގެ ކުރިން ޖަހަންޖެހޭ ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްނުކުރުމާއި، ވެލި ނެގުމަށް ޙުއްދަ ދީފައިވާ ސަރަޙއްދުތަކުގެ ބޭރުން ވެލި ނެގުމުގެ ސަބަބުން، މީހުން ދިރިއުޅޭ ރަށްރަށާއި ޓޫރިސްޓް ރިޒޯޓްތަކާއި ކައިރިން ވެލި ނެގުމާއި، މޫސުން ގޯސްވެ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރީނދޫ ސަމާލު (Yellow Alert) ނެރެފައިވާ ދުވަސްވަރުގައި ވެސް މަސައްކަތް ކުރަމުންދިއުން ހިމެނޭކަމަށް އެ އޮތޯރިޓީން ވަނީ ހާމަކޮށްފައެވެ.
މި ޝަކުވާތަކާ ގުޅިގެން ގިނަ ކަންތައްތަކަށް ސަމާލުވުމަށް އެންވަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ އަންގާފައެވެ. އެއީ:
- ބަންޑްވޯލް އަދި ސިލްޓް ސްކްރީން ގާއިމްކުރުން
- އަތޮޅުތެރެއިން ވެލިނަގާނަމަ، މީހުން ދިރިއުޅޭ ރަށްރަށާއި ރިޒޯޓުތަކުގެ ހައުސް ރީފް އިން ފެށިގެން މަދުވެގެން 500 މީޓަރ ދުރުމިނެއް ބެހެއްޓުން
- 'ދިވެހިރާއްޖޭގެ ރަށްރަށާއި ފަޅުގެ ސަރަޙައްދު ހިއްކުމާއި ފުންކުރުމުގެ ހުއްދައިގައިވާ "އެޕްރޫވްޑް ބޮރޯ އޭރިއާ" އެތެރެއިން ވެލި ނެގުން
- ހޮޕަރ ޑްރެޖަރ ބޭނުންކުރުމުގައި، އެކި ސަރަޙައްދުތަކަށް ދަތުރުކުރުމުގެ ކުރިން އޯވަރފްލޯ ކޮންޓްރޯލް ވޭލްވްސް (ގްރީން ވޭލްވްސް-Green valves) ފުރިހަމައަށް ބަންދުކޮށްފައި ހުރިތޯ ޔަޤީންކުރުން
- ފަރުތަކާއި ނާޒުކު ސަރަހައްދުތަކާ ދުރުން، ކަނޑައެޅިފައިވާ ޑްރެޖަރ ރޫޓްތައް ބޭނުންކުރުމާއި، ދަތުރުކުރަމުންދާއިރު، ޓަރބިޑިޓީ މޮނިޓަރކޮށް، ލެވެލް މަތިނަމަ އޮޕަރޭޝަންތަކަށް ބަދަލުގެނައުން
- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އިން ރީނދޫ ސަމާލު (Yellow Alert) ނެރެފައިވާ ދުވަސްވަރުގައި ވެލިނެގުމާއި ހިއްކުމުގެ މަސައްކަތް މަޑުޖައްސާލުން
ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމަށް އަލިއަޅުވާލައި އެ އޮތީރިޓީން ބުނީ، ކޮރަލް ރީފް ވޮޗްގެ ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރު އޭޕްރީލް މަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގައި މުރަކަ ހުދުވުމުގެ ފުރުސަތު އޮތުމާއެކު، މިހާރު "އެލާޓް ލެވެލް: "ވޮޗް" އަށް އަމަލުކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 12 ހަފްތާގެ ތެރޭގައި "އެލާޓް ލެވެލް 1" (ބޮޑެތި ބްލީޗިން އެކަށީގެންވާ) އަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމުން، ތިމާވެއްޓަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކަށް ހަރުދަނާ ގޮތެއްގައި އިތުރު ފިޔަވަޅުތައް އެޅުމަށް ވަނީ ގޮވާލާފައެވެ.
މިކަންކަމަށް ރިޢާޔަތްކޮށް، އެ އޮތޯރިޓީން ދޫކޮށްފައިވާ ޙުއްދަތަކާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މަޝްރޫޢުތައް ހިންގަވާ ހުރިހާ ފަރާތްތަކުން ވެސް، މަޝްރޫޢުގެ ކޮންސްޓްރަކްޝަން އަދި އޮޕަރޭޝަނަލް މަރުޙަލާތަކުގައި ކަނޑައަޅާފައިވާ އެންވަޔަރަމަންޓަލް ޕެރަމީޓަރސް މޮނިޓަރކޮށް، ރިޕޯޓުތަކުގައިވާ މޮނިޓަރިންގ ތާވަލާއެއްގޮތަށް، އެންވަޔަރަމަންޓަލް މޮނިޓަރިން ރިޕޯޓް ހުށަހެޅުމަށް އަންގާފައި ވެއެވެ.