ޚަބަރު
ދެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލައިފި
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު 2026ގެ ވޯޓުލުމުގެ ތެރެއިން. ފޮޓޯ: އީސީ
ވ. ރަކީދޫ އަދި މ. ރަތްމަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ އެ މަޤާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
މި ދެ ރަށުގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވަނީ 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މި ދެ ރަށުގެ އިންތިޚާބު އަލުން ބާއްވަން ޖެހުނީ، 2026 އެޕްރީލް 4 ގައި ބޭއްވި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އިންތިޚާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައި ނުވާތީ ކަމަށެވެ. އެގޮތުން މި މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް 2026 މޭ 18 ވާ ހޯމަ ދުވަހުގެ 15:00 އާ ހަމައަށް އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.
ކުރިމަތިލުމުގެ އިޖުރާއަތްތަކާއި މުއްދަތު
ކެންޑިޑޭޓުން ފޯމު ހުށަހަޅަންޖެހޭނީ މައި ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ހުށަހެޅޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރުފަހު 15:30 އަށެވެ. އަދި ހުކުރު ދުވަހު ނަމަ މެންދުރުފަހު 15:30 އިން ހަވީރު 18:00 އާ ހަމައަށް ފޯމު ހުށަހެޅުމުގެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި އިންތިޚާބުގައި ވ. ރަކީދޫ އިން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަޤާމުގެ އިތުރުން ކޮމިޓީގެ މެންބަރުގެ މަޤާމަށް އެއް މެންބަރެކެވެ. މ. ރަތްމަންދޫ އިން އިންތިޚާބު ކުރަންޖެހެނީ ކޮމިޓީގެ ރައީސްގެ މަޤާމަށް އެއް މެންބަރަކާއި، ކޮމިޓީ މެންބަރުގެ މަޤާމަށް ދެ މެންބަރުންނެވެ.
މި ދެ ރަށުގެ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނީ 2026 ޖޫން 20 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 އިން ހަވީރު 16:00 އަށެވެ. ވޯޓު ގުނަން ފެށުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހުގައެވެ. އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރާނީ 2026 ޖޫން 22 ވާ ހޯމަ ދުވަހުއެވެ.