ދުނިޔެ
އީރާނުގެ ހަނގުރާމައާ ގުޅިގެން ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އެޅި ހުރިހާ ހުރަސްތަކެއް އުވާލައިފި
އީރާނުގެ ހަނގުރާމައާ ގުޅިގެން ޔޫއޭއީގެ ވައިގެ ސަރަހައްދުގައި އެޅި ހުރިހާ ހުރަސްތަކެއް އުވާލުން. ފޮޓޯ: އޭޕީއޭ
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާއި އިސްރާއީލް އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅިގެން އެ ޤައުމުގެ ވައިގެ ސަރަހައްދަށް ގެނައި ހުރިހާ ހުރަސްތަކެއް އުވާލައިފި ކަމަށް އެ ޤައުމުގެ ސިވިލް އެވިއޭޝަން އޮތޯރިޓީން އިއުލާނުކޮށްފިއެވެ.
ޔޫއޭއީގެ ޖެނެރަލް ސިވިލް އެވިއޭޝަން އޮތޯރިޓީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އެ ގައުމުގެ ވައިގެ ސަރަހައްދުގެ ހުރިހާ އޮޕަރޭޝަންތަކެއް މިހާރު ވަނީ އާންމު ހާލަތަށް ރުޖޫއަވެފައި ކަމަށެވެ.
"މި ނިންމުން ނިންމާފައިވަނީ ކަމާބެހޭ ފަރާތްތަކާ ގުޅިގެން، ސަލާމަތީ އަދި އޮޕަރޭޝަނަލް ހާލަތްތައް ފުރިހަމައަށް ވަޒަންކުރުމަށްފަހު،" ކަމަށް އެ އޮތޯރިޓީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
މި ނިންމުމަކީ ދުނިޔޭގެ އެންމެ ބާރުބޮޑު އެއާޕޯޓު އޮންނަ ދުބާއީއާއި އަބޫދާބީގެ ވައިގެ ދަތުރުފަތުރުގެ ހަބްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން މި ސަރަހައްދުތަކުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.
މި ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ވައިގެ ދަތުރުފަތުރަށް ބޮޑެތި ބުރޫތަކެއް އަރާފައިވާއިރު، ޔޫއޭއީގެ އިތުރުން އިރާޤް، އުރުދުން، ޤަތަރު، ބަހްރޭން އަދި ކުވެއިތުން ވެސް ވަނީ އެކި މިންވަރަށް ވައިގެ ސަރަހައްދުތައް ބަންދުކޮށްފައެވެ.
ހަނގުރާމައިގެ ސަބަބުން އެމިރޭޓްސް އަދި ފްލައި ދުބާއީގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލިއިރު، އިއްތިހާދު އެއާވޭސްއިން ވަނީ އަބޫދާބީން ފުރާ ހުރިހާ ފްލައިޓްތަކެއް ހުއްޓާލާފައެވެ.
ސީރިއަމްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ހަނގުރާމައިގެ ކުރީކޮޅު 11،000 އަށްވުރެ ގިނަ ފްލައިޓް ވަނީ ކެންސަލްކޮށްފައެވެ. ނަމަވެސް، މިދިޔަ މަހު ޕާކިސްތާނުގެ މެދުވެރިވުމާއެކު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަކަށް އާދެވުމުން، ވައިގެ ދަތުރުފަތުރު އަލުން ފެށުމަށް މަގުފަހިވެގެން ދިޔައެވެ.
މި ބަދަލާއެކު ސަރަހައްދުގެ އެހެން އެއާލައިންތަކުން ވެސް ދަނީ އޮޕަރޭޝަންތައް ފުޅާކުރަމުންނެވެ. އެގޮތުން ގަތަރު އެއާވޭސްއިން ވަނީ މެއި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އިރާޤުގެ ތިން ސިޓީއަކަށް ދަތުރުތައް އަލުން ފަށާނެކަން ކަށަވަރުކޮށްދީފައެވެ. ޔޫއޭއީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މަސްރަހު މޮނިޓަރ ކުރަމުންދާނެ ކަމަށެވެ.