ދުނިޔެ

ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެ އޭޝިއާ ޕެސިފިކަށް ބޮޑު އަސަރެއްކުރަމުންދޭ: ޖަޕާނުގެ ބޮޑުވަޒީރު

ހަނގުރާމައިގެ ސަބަބުން ތެލުގެ ދަތިކަން ކުރިމަތިވެ އޭޝިއާ ޕެސިފިކަށް ބޮޑު އަސަރެއްކުރަމުންދޭ: ޖަޕާނުގެ ބޮޑުވަޒީރު

ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ. ފޮޓޯ: އީޕީއޭ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 މޭ 2026، 04:58

04 މޭ 2026، 04:58

އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅިން މުދާ އުފުލުމަށް ހުރަސް އެޅި، ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވެފައިވާ ދަތިކަމުގެ ސަބަބުން އޭޝިއާ ޕެސިފިކް ސަރަހައްދަށް "ވަރަށް ބޮޑު ނޭދެވޭ އަސަރެއް" ކުރަމުންދާ ކަމަށް ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ އިންޒާރު ދެއްވައިފިއެވެ.

ބޮޑުވަޒީރު ތަކައިޗީ މިހެން ވިދާޅުވީ އޮސްޓްރޭލިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅެއްގައި ހޯމަ ދުވަހު ދެއްވި ބަޔާނެއްގައެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ހަކަތައާއި މުހިންމު މަޢުދަންތަކާ ގުޅޭ ގޮތުން އެއްބާރުލުން އިތުރުކުރުމުގެ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި އާންމުކޮށް ދަތުރުކުރަނީ ހޯރްމޫޒް ކަނޑުއޮޅި މެދުވެރިކޮށެވެ. ނަމަވެސް، ފެބްރުއަރީ 28 ވަނަ ދުވަހުން ފެށިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރު ވަނީ ބަންދުވެފައެވެ.

އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ) އިން ހާމަކުރާ ގޮތުގައި، އެ ސަރަހައްދުން އުފުލާ ތެލުގެ 80 އިންސައްތައަކީ އޭޝިއާގެ ގައުމުތަކަށް ފޮނުވާ ތެލެވެ. "ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން އިންޑޯ-ޕެސިފިކް ސަރަހައްދަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައި،" ތަކައިޗީ ވިދާޅުވިއެވެ. އަދި މިކަމުގައި ޖަޕާނާއި އޮސްޓްރޭލިއާއިން އަވަސް ފިޔަވަޅުތަކެއް އެޅުމަށް މަޝްވަރާކުރަމުންދާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.

އޮސްޓްރޭލިއާއަކީ ޖަޕާނަށް ބޭނުންވާ ހަކަތައިގެ ތިންބައިކުޅަ އެއްބައި ފޯރުކޮށްދޭ ގައުމެވެ. އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އެލްބަނީޒް ވިދާޅުވީ، ޖަޕާނެކޭ އެއްފަދައިން އޮސްޓްރޭލިއާއިންވެސް ތެލުގެ ސަޕްލައިއަށް ބުރޫއެރުމާ މެދު ކަންބޮޑުވާ ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން އޮސްޓްރޭލިއާއިން ވަނީ ޖަޕާނުގެ ބައިވެރިވުން އޮންނަ މަޢުދަން ނެގުމުގެ މަޝްރޫއުތަކަށް 1.3 ބިލިއަން އޮސްޓްރޭލިއާ ޑޮލަރުގެ އެހީ ދޭނެކަން އިއުލާންކޮށްފައެވެ.

މި އެއްބަސްވުންތަކުގެ ދަށުން ސެމީކޮންޑަކްޓަރުތަކާއި، އިލެކްޓްރިކް ވެހިކަލް ބެޓެރި އަދި ހަތިޔާރު އުފެއްދުމަށް ބޭނުންވާ މުހިންމު މަޢުދަންތައް ޖަޕާނަށް ލިބޭނެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން، ސަރަހައްދީ ސަލާމަތީ މަސްލަހަތުތަކަށް ރިއާޔަތްކޮށް، ދެ ގައުމުގެ ދެމެދުގައި އަސްކަރީ އެއްބާރުލުންވެސް ދަނީ އިތުރުކުރަމުންނެވެ. އެގޮތުން މިދިޔަ މަހު ޖަޕާނުން އޮސްޓްރޭލިއާއަށް 7 ބިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ހަނގުރާމަމަތީ މަނަވަރު ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450