ދުނިޔެ
ޣައްޒާއަށް އަލުން ހަމަލާތައް ދޭނެ ކަމުގެ އިންޒާރުދީފި
ޣައްޒާގައި ޝަހީދުވި ބައެއްގެ އާއިލާއިން ހިތާމަކުރަނީ. ފޮޓޯ: ޤުދުސް ނެޓްވޯކް
އެމެރިކާގެ ތާއީދާއެކު ގާއިމުކޮށްފައިވާ ސީޒްފަޔަރާ ތަކުރާރުކޮށް ޚިލާފުވަމުންދާ އިސްރާއިލުން ޣައްޒާގައި އަލުން ގަތުލުއާންމު ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދީފިއެވެ.
އިސްރާއިލް ސިފައިން މިހާރުވެސް ދަނީ ޣައްޒާގެ އެކި ސަރަހައްދުތަކަށް އަރައިގަނެ، އެމީހުންގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތައް ފުޅާކުރަމުންނެވެ. ފަލަސްތީނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ޣައްޒާގެ މުސްތަގުބަލާ ބެހޭގޮތުން ފަލަސްތީނުގެ ޖަމާއަތްތަކުން ހުށަހެޅި ހުށަހެޅުންތަކަށް އިސްރާއިލާއި އެމެރިކާއިން ވަނީ ދެކޮޅު ހަދާފައެވެ.
މިދިޔަ ހަފުތާތަކުގައި ގާހިރާއާއި އިސްތަންބޫލްގައި ބޭއްވި ބައްދަލުވުންތަކަށްފަހު، އެމެރިކާއާއި އިސްރާއިލާ ދެމެދު އޮތް ޚިޔާލުތަފާތުވުންތައް ވަނީ އިތުރަށް ބޮޑުވެފައެވެ. އިސްރާއިލުގެ ކާން ބްރޯޑްކާސްޓަރަށް މައުލޫމާތު ދިން އޮފިޝަލަކު ބުނި ގޮތުގައި ހަމާސްއިން ހަތިޔާރު ބެހެއްޓުމުގެ އެއްބަސްވުމަށް އަމަލެއް ނުކުރެއެވެ. މިކަމާ ގުޅިގެން ޣައްޒާގައި އަލުން ހަނގުރާމަ ފެށުމާ މެދު މަޝްވަރާ ކުރުމަށް އިސްރާއިލުގެ ސެކިއުރިޓީ ކެބިނެޓުން އާދީއްތަ ދުވަހު ބައްދަލުކުރުމަށް ވަނީ ތާވަލުކޮށްފައެވެ.
އިސްރާއިލްގެ އަސްކަރީ އެނަލިސްޓް އާމޯސް ހަރެލް ހާއާރެޓްޒް ނޫހުގައި ލިޔެފައިވާ ގޮތުގައި، އައިސީސީން ހޯދަން އިއުލާނުކޮށްފައިވާ ބެންޖަމިން ނަތަންޔާހޫ މަސައްކަތް ކުރަމުންދަނީ އަންނަ އޮކްޓޫބަރު މަހު ބާއްވާ އިންތިޚާބަށްޓަކައި ސިޔާސީ މަންފާ ހޯދުމަށް ޣައްޒާގެ ގަތުލުއާންމު އަލުން ފެށުމަށެވެ. ހަރެލް ފާހަގަކުރި ގޮތުގައި ހަމާސްގެ ބާރު ގަދަވަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކަކީ ޣައްޒާއަށް އަލުން ހަމަލާދިނުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމުގެ ނިޝާނެކެވެ.
މިދިޔަ ހުކުރު ދުވަހު ފަލަސްތީނުގެ މަންދޫބުން ވަނީ މެދުވެރިންގެ ގޮތުގައި ހަރަކާތްތެރިވާ މިސްރާއި ތުރުކީއަށް އެމީހުންގެ ހުށަހެޅުންތައް ހަވާލުކޮށްފައެވެ. ނަމަވެސް، މިޑްލް އީސްޓް އައި އަށް މައުލޫމާތު ދިން ފަލަސްތީނުގެ އިސް މަސްދަރަކުން ބުނި ގޮތުގައި، ހޮނިހިރު ދުވަހު މެދުވެރިންނާއި އެމެރިކާއިން ވަނީ އެ ކަރުދާސް ގަބޫލުކުރަން ދެކޮޅު ހަދައި، ފަލަސްތީނުގެ މަޝްވަރާ ޓީމަށް އެމެރިކާގެ ބިރުދެއްކުމުގެ މެސެޖުތަކެއް ރައްދުކޮށްފައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުން ބާރުއަޅަނީ ހަތިޔާރު ބެހެއްޓުމުގެ ކުރިން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ހިމެނޭ ސިޔާސީ ހައްލެއް ލިބެންޖެހޭނެ ކަމަށެވެ.
އެމެރިކާގެ މެދުވެރިއެއް ކަމަށްވާ ނިކޮލާއި މިލަޑިނޯވް ހުށަހަޅާފައިވާ ޕްލޭނަކީ 281 ދުވަހުގެ ތެރޭގައި ހަމާސްގެ ހަތިޔާރު އެއްކޮށް އަތުލުމަށް ބާރުއަޅާ ޕްލޭނެކެވެ. މި ޕްލޭނުގެ ދަށުން އޭޕްރީލް 11 ގެ ކުރިން ހަތިޔާރު ހަވާލުކުރަން ފެށުމަށް ވަނީ މުހުލަތު ދީފައެވެ. ނަމަވެސް ފަލަސްތީނުގެ މަޝްވަރާވެރިން ބުނަނީ އިސްރާއިލުން ސީޒްފަޔަރާ ޚިލާފަށް ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން މި މަރުހަލާއަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.
އިސްރާއިލްގެ ހަމަލާތަކުގައި ޣައްޒާގައި މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު ވަނީ 72,000 އަށްވުރެ މައްޗަށް އަރާފައެވެ. މީގެ އިތުރުން އެތައް ހާސް ބަޔަކު އިމާރާތްތަކުގެ ކުނިތަކުގެ ދަށުގައި ވެފައިވާ ކަމަށް ބެލެވެއެވެ. މި ހާލަތުގައިވެސް އިސްރާއިލުން ދަނީ ގާޒާގެ ބިންތަކަށް ވެރިވެ، މިހާރުވެސް ޣައްޒާގެ 59 އިންސައްތަ ސަރަހައްދު އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.