ދުނިޔެ
ހޮރްމޫޒް ކަނޑުއޮޅިއާ ދުރުގައި ތިބުމަށް އީރާނުން އެމެރިކާއަށް އިންޒާރު ދީފި
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ:އޭޕީ ފޮޓޯ
ގަލްފުގައި ތާށިވެފައިވާ އުޅަނދުފަހަރު "މިނިވަންކުރުމަށް" އެމެރިކާއިން އެހީތެރިވާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުމާ ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅިއާ ދުރުގައި ތިބުމަށް އީރާނުގެ އަސްކަރިއްޔާއިން އެމެރިކާގެ ކަނޑުގެ ސިފައިންނަށް އިންޒާރު ދީފިއެވެ.
އީރާނުގެ އަސްކަރިއްޔާގެ ޔުނިފައިޑް ކޮމާންޑްގެ އިސްވެރިޔާ އަލީ އަބްދުﷲ ހޯމަ ދުވަހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާގެ ސިފައިން އެ ކަނޑުއޮޅިއަށް ވަދެއްޖެނަމަ ހަމަލާދޭނެ ކަމަށާއި، ވިޔަފާރި އުޅަނދުފަހަރާއި ތެޔޮ ޓޭންކަރުތައް އީރާނާ ގުޅިގެން މަސައްކަތް ކުރުމަށް ނޫނީ ދަތުރުފަތުރު ކުރުމުން ދުރުހެލިވާންޖެހޭނެ ކަމަށެވެ.
"އަހަރެމެން އިންޒާރު ކުރަން، ބޭރުގެ އެއްވެސް ހަތިޔާރު އެޅި ސިފައިންނެއް، ހާއްސަކޮށް އިސްތިއުމާރީ އެމެރިކާގެ ސިފައިން، ހޯރްމޫޒް ކަނޑުއޮޅިއާ ގާތްވާން ނުވަތަ ވަންނަން ގަސްދުކޮށްފިނަމަ އެބަޔަކަށް ހަމަލާދޭނެ،" އެ ބަޔާނުގައިވެއެވެ.
އޭގެގަޑިއިރުތަކެއް ފަހުން، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އާ ގުޅުން އޮންނަ އީރާނުގެ ފާރސް ނިއުސް އެޖެންސީން ބުނީ ހޯރްމޫޒް ކަނޑުއޮޅީގެ ދެކުނު ފަރާތުން އެމެރިކާގެ ހަނގުރާމަމަތީ މަނަވަރަކަށް ދެ މިސައިލް އަރާފައިވާ ކަމަށެވެ. ނަމަވެސް އެމެރިކާއިން ވަނީ މަނަވަރަކަށް ހަމަލާއެއް އެރިކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ.
އާދީއްތަ ދުވަހު ޓްރަމްޕް ބުނީ، އީރާނާ ދެކޮޅަށް އެމެރިކާ އާއި އިސްރާއީލުން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ތާށިވެފައިވާ އުޅަނދުފަހަރު ނިސްބަތްވާ ގައުމުތަކުގެ އެދުމުގެ މަތިން "ޕްރޮޖެކްޓް ފްރީޑަމް" ގެ ނަމުގައި ހޯރްމޫޒް ކެމްޕޭނެއް ފައްޓަވާ ކަމަށެވެ. ޓްރަމްޕް އެ ގައުމުތައް ސިފަކުރީ "ވަކި ފަރާތަކަށް ނުޖެހޭ އަދި ކުށެއް ނެތް ބައެއްގެ" ގޮތުގައެވެ.
"އީރާނާއި، މެދުއިރުމައްޗާއި، އަދި އެމެރިކާގެ ލާބައަށްޓަކައި، އަޅުގަނޑުމެން ވާނީ އެ ގައުމުތަކުގެ އުޅަނދުފަހަރު މި ބަންދުކޮށްފައިވާ ކަނޑުގެ ސަރަހައްދުތަކުން ރައްކާތެރިކަމާއެކު ބޭރަށް ނެރުމަށް މަގުދައްކައިދޭނެ ކަމަށް ބުނެފައި، އެއީ އެމީހުންގެ ވިޔަފާރި މިނިވަންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި،" ވޮޝިންގްޓަނުގެ އެހީއަށް އެދުނީ ކޮން ގައުމުތަކެއްކަން ހާމަނުކުރައްވައި، ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތް ސޯޝަލް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
"މި އުޅަނދުފަހަރުގެ ތެރެއިން ގިނަ އުޅަނދުތަކުން ކާބޯތަކެއްޗާއި، ބޮޑެތި ކްރޫންނަށް ސިއްހީ ގޮތުންނާއި ސާފުތާހިރުކަމާއެކު ބޯޓުގައި ތިބުމަށް ބޭނުންވާ އެހެނިހެން ތަކެތި ވަނީ ހުސްވާން ކައިރިވެފައި،" ޓްރަމްޕް ބުނެފައިވެއެވެ.
އަދި މި އޮޕަރޭޝަނަށް ހުރަސްއަޅާ ކޮންމެ ކަމަކާ "ބާރުގެ ބޭނުންކޮށްގެން ކުރިމަތިލާންޖެހޭނެ" ކަމަށްވެސް އޭނާ ބުނެއެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން ބުނީ މި މަސައްކަތަށް 15،000 ސިފައިންނާއި، އެއްގަމާއި ކަނޑުގައި ބޭނުންކުރާ 100 އަށްވުރެ ގިނަ މަތިންދާބޯޓާއި، ހަނގުރާމަމަތީ މަނަވަރުތަކާއި ޑްރޯންތަކުގެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
"މި ދިފާއީ މިޝަނަށް އަޅުގަނޑުމެން ދޭ އެއްބާރުލުމަކީ ސަރަހައްދީ ސަލާމަތާއި ދުނިޔޭގެ އިގްތިސާދަށް ކޮންމެހެން ބޭނުންތެރި ކަމެއް، އަދި ހަމައެއާއެކު އަޅުގަނޑުމެން ކަނޑުގެ މަގުން ދީފައިވާ ބަންދު (ބްލޮކޭޑް) ވެސް ދަމަހައްޓާނަން،" ސެންޓްކޮމްގެ ކޮމާންޑަރު އެޑްމިރަލް ބްރެޑް ކޫޕާ ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ތެހެރާނުން ރިޕޯޓްކުރަމުން އަލްޖަޒީރާގެ ރެސުލް ސަރްދާރު އަތާސް ބުނީ، ހޯރްމޫޒް ކަނޑުއޮޅިއަށް އެމެރިކާއިން ވަނުމަކީ އޭޕްރިލް 8 ގައި އަމަލުކުރަން ފެށި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ހިލާފުވުން ކަމަށް އީރާނުން ދެކޭނެ ކަމަށެވެ. "އީރާނުން ތިބީ ވަރަށް ސާފުކޮށް. އެމީހުން ބުނަނީ އަސްކަރީ ގޮތުން ރައްދުދީ ކުރިމަތިލާނެ ކަމަށް. އަދި އެފަދަ ހާލަތެއްގައި، އެއީ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ނިމުން،" އޭނާ ބުންޏެވެ.
"އީރާނުގެ އަސްކަރީ އިދާރާތަކާއި ސިޔާސީ ބޭފުޅުން ބުނަނީ ހަނގުރާމައިގެ ސަބަބުން ގިނަ ކަންތައްތަކެއް ބަދަލުވެއްޖެ ކަމަށާއި، [ހޯރްމޫޒް ކަނޑުއޮޅީގައި] މިހާރު އޮތީ އާ ނިޒާމެއް ކަމަށާއި، ކޮންމެ ގޮތަކުން ނަމަވެސް އެ ކަނޑުގެ މަގުގެ ކޮންޓްރޯލް އީރާނުން ދަމަހައްޓާނެ ކަމަށް،" އަތާސް ބުންޏެވެ.
ޔުނައިޓެޑް ކިންގްޑަމް މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫ.ކޭ.އެމް.ޓީ.އޯ) އިން ހޯމަ ދުވަހު ބުނީ، ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އެ ކަނޑުއޮޅީގެ ކަނޑުގެ ސަލާމަތީ ނުރައްކަލުގެ ދަރަޖަ އަދިވެސް އޮތީ ނާޒުކު ފަންތިއެއްގައި ކަމަށެވެ.