ޚަބަރު
އެއްވުންތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ތަކުރާރުވާނަމަ ފިޔަވަޅު އަޅާނެ: އީސީ
ޕީއެންއެފްގެ ސިޔާސީ ހަރަކާތެއްގެ ތެރެއިން. ފޮޓޯ: ޕީއެންއެފް
ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ސިލްސިލާކޮށް ބާއްވަމުންދާ އެއްވުންތަކުގައި ޤާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ، އެފަދަ އަމަލުތައް ތަކުރާރުވާނަމަ ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.
އީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 45 ވަނަ މާއްދާގެ (ޅ) ގެ ދަށުން، އެހެން ޤާނޫނަކުން ހުއްދަކުރާ ދާއިރާއިން ބޭރުގައި، މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަކީ ސިޔާސީ ޕާޓީތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފު ކަމެއް ކަމަށެވެ.
އަދި ސިޔާސީ ހަރަކާތްތައް ބޭއްވުމުގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ހުއްދަކުރާ ދާއިރާގެ ތެރެއިން އަމަލުކުރުމަކީ ޤާނޫނުން ލާޒިމްކޮށްފައިވާ ކަމެއްކަންވެސް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އީސީން އިތުރަށް ބުނެފައިވަނީ، އެއް ޕާޓީއަކުން ބާއްވާ ބައްދަލުވުމަކަށް ހުރަސްއެޅޭފަދަ އަމަލުތައް ކުރުމާއި، އެއް ޕާޓީއަކުން ބައްދަލުވުން ބާއްވާ ތަނެއްގައި އެއް ވަގުތަކާ ދިމާކޮށް އެހެން ޕާޓީއަކުން ބައްދަލުވުން ބާއްވަން މަސައްކަތް ކުރުމަކީ ސިޔާސީ ޕާޓީގެ ގާނޫނުގައި ބަޔާންކުރާ ސުލޫކީ މިންގަނޑާ ހިލާފު ކަންތައްތަކެއް ކަމަށެވެ.
ޕީއެންއެފްގެ ހަރަކާތްތަކާ ގުޅޭގޮތުން އީސީން ބުނީ، އެ ޕާޓީން ޤާނޫނާ ޚިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުންދާތީ އެފަދަ އަމަލުތައް ނުހިންގުމަށް ނަސޭހަތްތެރިވެ، އެކަން އެ ޕާޓީއަށް އަންގާފައިވާނެ ކަމަށެވެ. އަދި މިކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމިޝަނަށް ހާޒިރުވުމަށް ދައުވަތު ދީފައިވީ ނަމަވެސް، ޕީއެންއެފްއިން ކޮމިޝަނަށް ހާޒިރުވުމަށް އުޒުރުވެރިވެފައިވާކަން އީސީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ، އިސްވެ ބަޔާންކުރެވުނު ޤާނޫނާ ޚިލާފު އަމަލުތައް ތަކުރާރުވާނަމަ، ސިޔާސީ ޕާޓީގެ ޤާނޫނުގެ ދަށުން އަޅަންޖެހޭ ފިޔަވަޅުތައް އެ ޕާޓީއާ މެދު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.