ކުޅިވަރު
މެންޗެސްޓަރ ސިޓީ އެއްވަރުވުމުން ލީގު ތަށި އަނެއްކާ ވެސް އާސެނަލްގެ އަމިއްލަ ބާރުގެ ދަށަށް
މެޗުން އެއްވަރުވުމުން މެންޗެސްޓަރ ސިޓީގެ ކުޅުންތެރިން މާޔޫސްވެފައި---
އިންގްލިޝް ޕްރިމިއަރ ލީގުގައި އެވަޓަން އާއި މެންޗެސްޓަރ ސިޓީ ބައްދަލުކުރި މެޗު 3-3 އިން އެއްވަރުވުމުން، ލީގު ތަށި އަނެއްކާ ވެސް އާސެނަލްގެ އަމިއްލަ ބަރުގެ ދަށަށް ގޮސްފިއެވެ.
އެވަޓަން މެޗުން އެއްވަރުވުމާ ގުޅިގެން މެންޗެސްޓަރ ސިޓީ މިހާތަނަށް ކުޅުނު 34 މެޗުން އެ ޓީމަށް ލިބިފައި ވަނީ 71 ޕޮއިންޓެވެ. އަދި އެއް މެޗު އިތުރަށް ކުޅެފައިވާ އާސެނަލްއަށް ލިބިފައި ވަނީ 76 ޕޮއިންޓެވެ. އެހެންކަމުން ބާކީ އޮތް 3 މެޗު އާސެނަލް ކާމިޔާބުކޮށްފިނަމަ އެ ޓީމަށް ލީގު ލިބޭނެއެވެ.
އެވަޓަންގެ ހިލް ޑިކިންސަން ސްޓޭޑިއަމްގައި ރޭ ޖުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ މެންޗެސްޓަރ ސިޓީއެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ދެ މިނިޓަށް ވެފައިވަނިކޮށް ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދިން ގޯލުންނެވެ.
ދެވަނަ ހާފުގައި އެވަޓަންއިން ވަނީ މެޗުގެ އޮއިވަރު ބަދަލުކޮށް ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 68ވަނަ މިނެޓުގައި ތިއާނޯ ބެރީގެ ގޯލަކުން ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އޭގެ ފަސް މިނެޓު ފަހުން އެވަޓަންއަށް ލީޑު ނަގައިދިނީ ފަހަތަށް ކުޅެމުންއަންނަ ޖޭކް އޯބްރިއަންއެވެ.
އެވަޓަންއިން މި މެޗުގައި ތިންވަނަ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 81 ވަނަ މިނިޓުގައި ތިއާނޯ ބެރީ ކާމިޔާބުކޮށްދިން ދެވަނަ ގޯލުންނެވެ.
ނަމަވެސް އޭގެ ދެ މިނެޓު ފަހުން އާލަން ހާލަންޑު ވަނީ ގޯލެއް ކާމިޔާބުކޮށް އެވަޓަން ނަގާފައި އޮތް ދެ ގޯލުގެ ލީޑު ކުޑަކޮށްފައެވެ.
މެންޗެސްޓަރ ސިޓީއަށް މި މެޗުން ޕޮއިންޓެއް ލިބުނީ، މެޗުގެ އިންޖަރީ ވަގުތުގެ ހަތްވަނަ މިނިޓުގައި ޖެރެމީ ޑޯކޫ ކާމިޔާބުކޮށްދިން ގޯލުންނެވެ.