ޚަބަރު
ކޮލަމްބޯގައި ހުންނަ ލޭޑީ ރިޖްވޭ ހޮސްޕިޓަލަށް މެޑަމް ސާޖިދާ ޒިޔާރަތްކުރައްވައިފި
ޒިޔާރަތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ 'ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯރ ޗިލްޑްރަން' އަށް ޒިޔާރަތްކުރައްވައިފި އެވެ.
މި ޒިޔާރާތަކީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އެކަމަނާ ކުރެއްވި ރަސްމީ ޒިޔާރާތެކެވެ.
މެޑަމް ސާޖިދާ ހޮސްޕިޓަލަށް ވަޑައިގަތުމާއެކު، ހޮސްޕިޓަލުގެ އިސްވެރިން އެކަމަނާއަށް މަރުޙަބާ ދަންނަވާފައިވާއިރު، މި ޒިޔާރަތުގައި ހޮސްޕިޓަލުގެ ތަޢާރަފެއް ހިމެނޭ ޕްރެޒެންޓޭޝަނެއް ވަނީ ހުށައަޅާފައެވެ. ހަމަ އެއާއެކު، ކަށީގެ ޚިދުމަތްތަކާ، ޕްލާސްޓިކް ސާރޖަރީ ވޯޑާ، ކުޑަކުދިންގެ ވޯޑަށް ވަޑައިގެން، އެތަންތަނުން އެވަގުތު ޚިދުމަތް ހޯއްދަވަމުން ގެންދެވި ފަރާތްތަކާ އެކަމަނާ ބައްދަލު ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ.
First Lady @sajidhaamohamed visits the Lady Ridgeway Hospital for Children (LRH) in Colombo today, as part of the President's ongoing State Visit to Sri Lanka.
— The President's Office (@presidencymv) May 4, 2026
During the visit, the First Lady signed the guestbook, commending the hospital's remarkable work in safeguarding… pic.twitter.com/6biSQa3KzB
މީގެ އިތުރުން، މި ޒިޔާރަތުގައި ހިމެނިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ހޮސްޕިޓަލުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރައްވާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން، މި ފޮތުގައި އެކަމަނާ ލިޔުއްވި ބަޔާނުގައި، ކުޑަކުދިންގެ ޞިއްޙަތާ ދުޅަހެޔޮކަން ކަށަވަރު ކުރުމަށްޓަކައި ހޮސްޕިޓަލުން ކުރައްވަމުން ގެންދަވާ ހަރުދަނާ، ވިލުންތެރި މަސައްކަތްތަކަށް ވަނީ ތަޢުރީފުކުރައްވާފަ އެވެ.
ލޭޑީ ރިޖްވޭ ހޮސްޕިޓަލް ފޯ ޗިލްޑްރަންއަކީ، ސްރީލަންކާގައި ހިލޭ ސާބަހަށް ކުޑަކުދިންނަށް ޚިދުމަތް ދެމުންދާ އެންމެ ބޮޑު ހޮސްޕިޓަލުކަން ފާހަގަކޮށްލެވެއެވެ.