ޚަބަރު / ވިޔަފާރި
ރިއަލް އެސްޓޭޓްގެ ދާއިރާއަކީ އިޤުތިޞާދު ސިންދަފާތު ކުރުމަށް މުހިންމު ދާއިރާއެއް: ވަޒީރު
ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް. ފޮޓޯ: ދައުރު
ހަމައެކަނި ފަތުރުވެރިކަމަށް ބަރޯސާވުމަކީ ރާއްޖޭގެ ތަރައްްޤީގެ ދެން އޮތް މަރުހަލާ ކުރިއަށް ކުރިޔަށް ގެންދިއުމަށް އުނދަގޫވާނެ ކަމެއްކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މުއްޠަލިބް މިހެން ވިދާޅުވެފައިވަނީ މީސްމީޑިއާގެ މަންސައެއްގައި ޝާޢިޢުކޮށްފައިވާ ލިޔުމެއްގައެވެ.
ވަޒީރު މުއްޠަލިބް ވިދާޅުވެފައިވަނީ ރިއަލްއެސްޓޭޓްގެ ވިޔަފާރިއަކީ ރާއްޖެއަށް މުހިންމު ވިޔަފާރިއެެއް ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް ދާއިރާއަކީ ހަމައެކަނި ގެދޮރު ނުވަތަ އެޕާޓްމަންޓް ބިނާކުރުން ނޫން ކަމަށާއި، އެއީ އިންސާފުވެރި، ވާދަވެރި އަދި އިންވެސްޓްކުރުމަށް އެންމެ އެކަށީގެންވާ މާކެޓެއް އުފެއްދުން ކަމަށެް ވަނީ ވިދާޅުވެފައެވެ.
އެއީ މުދަލަކީ ހަމައެކަނި މިލްކުކުރާ އެއްޗަކަށް ނުވެ، އެއިން ވިޔަފާރިކޮށް، އޭގެ އަގު ވަޒަންކުރެވި، އަދި ކުރިއަރާނެ ނިޒާމެއް އޮތުން. އަދި އެއީ ދިވެހި އަދި ބޭރުގެ އިންވެސްޓަރުންނަށްވެސް، ފުރިހަމަ އިތުބާރާއެކު މުދާ ގަނެ، ހިފަހައްޓައި، އަދި ވިއްކޭނެ މާކެޓެއް. ނޭންގުމެއްގެ ނުވަތަ ޔަގީންކަމެއް ނެތް ކަމެއްގެ ސަބަބުން މުދަލުގެ އަގު ވެއްޓިގެން ނުވާނެ. މިއަދު އަޅުގަނޑުމެން ކުރިމަތިލާންޖެހިފައިވާ އެއް ގޮންޖެހުމަކީ ހަމަ އެއީ، މުދާ މިލްކުވެފައި އޮންނަ ގޮތް ސާފުނުވުމުން ނުވަތަ އެއީ ވަގުތީ ކަމެއްގެ ގޮތުގައި ފެންނަން އޮތުމުން، އެ މުދަލަކީ "އެސެޓެއް"ގެ ގޮތުގައި ބަލައެއް ނުގަނެވޭ. އޭރުން އެއީ ބޭނުންތެރި އެއްޗަކަށް ވިޔަސް، އަގުހުރި އެއްޗަކަށް ނުވޭ.
ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ކުރިއަރާދާނެ އިޤުތިސާދެއް އުފެއްދުމަށް އަޅުގަނޑުމެން ސީރިއަސްވާނަމަ، މި ތަފާތު ދެނެގަތުން މުހިންމު ކަމަށެވެ.
އަދި ރިއަލް އެސްޓޭޓް މާކެޓަކީ ރައުސްމާލަށް ހުޅުވާލެވިފައިވާ ތަނަކަށް ވާންޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ޤައުމީ މަސްލަހަތު ދޫކޮށްލާ ތަނަކަށް ވެގެން ނުވާނެ ކަމަށާއި އަދި ދިވެހިންގެ ގެދޮރުވެރިކަން ހިމާޔަތްކުރުމަށް އިސްކަންދިނުން އެންމެ ސާފުކޮށް އޮންނަންޖެހޭ އެއް އުސޫލަކީ، ރިއަލް އެސްޓޭޓް ދާއިރާގެ ސަބަބުން ދިވެހިންގެ ގެދޮރުވެރިކަމަށް އެއްވެސް އުނިކަމެއް އައިސްގެން ނުވުންކަމަށް ވަނީ ވިދާޅުވެފައެވެ.
ރިއަލް އެސްޓޭޓް ވިޔަފާރީގެ ސަބަބުން ރާއްޖޭގެ އާންމު ގެދޮރުގެ މާކެޓަށް ނޭދެވޭ އަސަރުކޮށްގެން ނުވާނެ ކަމަށާއި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި ބިމާއި ގެދޮރުގެ އަގު އުފުލިގެން ނުވާނެ ކަމަށްެވެސް ވަޒީރު ވިދާޅުވިއެވެ.
އަދި އަމިއްލަ ގައުމުގައި ގެދޮރު މިލްކުކުރުމުގެ ގާބިލުކަން ދިވެހިންގެ ކިބައިން ގެއްލިގެންދާ ފަދަ ހާލަތެއް މެދުވެރިވެގެން ނުވާނެކަމަށާއި މިކަން ކަށަވަރުކުރަންޖެހޭ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ރިއަލް އެސްޓޭޓްގެ ދާއިރާގައި ބޭރުގެ ބައިވެރިވުން، ދިވެހިން ދިރިއުޅޭ ސަރަހައްދުތަކަށް ފެތުރިގެން ގޮސްގެން ނުވާނެ. ދިވެހި މުޖުތަމައުތަކަކީ ރައްކާތެރިކުރެވިފައިވާ ތަންތަނަށް ވާންޖެހޭނެ. އަދި މި ސަރަހައްދުތަކުގައި ހުންނަ ބޯހިޔާވަހިކަމަކީ މައިގަނޑު ގޮތެއްގައި ދިވެހިންނަށް ހާއްސަ ތަންތަނަށް ވާންޖެހޭނެ. ބައިނަލްއަޤުވާމީ އިންވެސްޓްމަންޓްތަކަށް ހާއްސަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގަންވާނީ، އާ އާރބަން ތަރައްޤީގެ ސަރަހައްދުތަކާއި، ހިއްކާފައިވާ ބިންތައް ނުވަތަ އިންވެސްޓްމަންޓަށް ހާއްސަކޮށްގެން ހަދާފައިވާ ޒޯންތަކުގައި އެކަނި"، ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިން އަންނަނީ މަދު ދުވަސްކޮޅަކަށް ކަމަށާއި ނަމަވެސް ރިއަލް އެސްޓޭޓް އިންވެސްޓަރުންނާއި މިލްކުވެރިން ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެން މަޑުކުރާ ކަމަށާއި އެމީހުން ކުރާ ހޭދަ ބޮޑުކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ފަތުރުވެރިކަމުގެ ބަދަލުގައި ކުރާ ކަމެއް ނޫން ކަމަށާއި މިއީ ފަތުރުވެރިކަން އިތުރަށް ވަރުގަދަކޮށްދޭނެ ކަމެއްކަމަށް ވަަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރީ ފަތުރުވެރިކަން ކަމަށާއި އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށެވެ. ނަމަވެސް، ތަރައްގީގެ ދެން އޮތް މަރުހަލާ ހަމައެކަނި ފަތުރުވެރިކަމަށް ބުރަވެގެން ކުރިއަކަށް ނުގެންދެވޭނެކަމަށެވެ.
ދުނިޔެއަށް އަންނަ ލޮޅުންތަކުގެ އަސަރު ފަތުރުވެރިކަމަށް ވަރަށް އަވަހަށް ކުރާ ކަމަށާއި އެއީ ޖިއޮގްރަފީ ގޮތުން ހަނި ދާއިރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭގެ ފައިދާ ހުރިހާ ދިމާލަކަށް އެއްވަރަކަށް ނުފޯރާ ކަމަށާއި ރިއަލް އެސްޓޭޓް ދާއިރާއަކުން މި ހާލަތު ބަދަލުކޮށްލާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މީގެ ސަބަބުން ބޭރުގެ ބޮޑެތި އިންވެސްޓްމަންޓްތައް އައިސް، މެދުނުކެނޑި އިގްތިސާދީ ހަރަކާތްތައް ހިނގައި، އިމާރާތްކުރުމާއި، މާލީ ދާއިރާއާއި، ހިދުމަތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާނެ މިއީ ހަމައެކަނި ކުރިއެރުމެއް ނޫން މިއީ އިގްތިސާދު ސިންދަފާތުކުރުން.
ވަޒީރު ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ބޭރު ފައިސާއާއި އިޤުތިސާދީ ދެމެހެއްޓުމުގައި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭރު ފައިސާ ލިބުމުގެ ދަތިކަން ކަމަށާއި ހަރުދަނާ ރިއަލް އެސްޓޭޓް ދާއިރާއަކުން މިކަމަށް ސީދާ ހައްލެއް ލިބިގެންދާނެކަމަށެވެ. މީގެ ސަބަބުން ބޮޑު މިންވަރަކަށް ބޭރުގެ ރައުސްމާލު ވަދެ، ފައިސާގެ ދައުރުވުން ރަނގަޅުވެ، ރިޒާވަށް އޮންނަ ބާރު ކުޑަވެގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.