ޚަބަރު
ބުރިޖުގެ މަސައްކަތް ވީހާވެސް އަވަހަށް ނިންމާލުމަށް ދަނީ މަސައްކަތް ކުރެވެމުން: ވަޒީރު
ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިޔަށްދަނީ---
ތިލަމާލެ ބްރިޖުގެ މަސައްކަތް ނުހުއްޓި ކުރިއަށްގެންދިއުމުގެ ގޮތުން މަޝްރޫޢުގެ ކޮންޓްރެކްޓަރަށް އެއްބާރުލުންދީ، އިންޑިއާ ސަރުކާރުގެ އެހީގައި ބްރިޖުގެ މަސައްކަތް ވީހާވެސް އަވަހަކަށް ނިންމާލުމަށް މަސައްކަތް ކުރަމުންދާކަމަށް ބިނާރާ ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ތިލަމާލެ ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ބައްލަވާލެއްވުމަށް، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއާއެކު މިއަދު ބުރިޖަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ.
ވަޒީރު ވިދާޅުވީ، މި މަޝްރޫޢު އަވަސްކުރުމަށް ސަރުކާރުން ދަނީ އިންޑިއާ ސަރުކާރާއި މަޝްރޫޢުގެ ކޮންޓްރެކްޓަރާއި ގުޅިގެންގެން މަސައްކަތް ކުރަމުންނެވެ.
2027ވަނަ އަހަރުގެ ނިޔަލަށް ތިލަފުއްޓާއި ހަމައަށް ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާ އާންމުންނަށް ހުޅުވާލެވޭނެ ކަމުގެ އުއްމީދު ބޮޑުކަމަށް ވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ބުރިޖަށް ޒިޔާރަތްކުރުމަށްފަހު ދެއްވި އިންޓަވިއުގައި ވަޒީރު ވަނީ، ބުރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ ދެކެވޭ ވާހަތައް ވެސް ދޮގުކުރައްވާފައެވެ. ވަޒީރު ވިދާޅުވީ، ތިލަމާލެ ބްރިޖުގައި އަޑިތަކެއް ހުރިކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވާހަކަ ފަތުރަމުން އަންނަކަން ފާހަގަކުރެވިފައިވާ ކަމަށާއި މި ބްރިޖަކީ، ވަކިވަކި ބައިތަކެއް ގުޅުވާގޮތަށް ތަރައްޤީކުރާ ބްރިޖަކަށްވުމާއެކު އެފަދަ އަޑިތަކެއް ނުހުންނާނެ ކަމަށެވެ.
މިއީ ޑިޒައިންކޮށްފަ އިންޖީނިއަރ ކޮށްފައިން ބްރިޖެއް. މާނައަކީ ދުރުން ފެންނަގޮތަކަށް ނޫނޭ ކޮންމެހެން ހުންނަން ޖެހޭނީކީއެއް. މިއީ ލެގޯއެއްގޮތަށް ވަކިވަކި ބައިތަކެއް ގެނެސް ގުޅުވާ ސްޓްރަކްޗަރ އަކަށްވާތީވެ އެބުނާ ކަހަލަ ޑިފެކްޓެއް ހުރިނަމަ ހުރިހާ ސެގްމަންޓެއް ގުޅިގެން އެއްވަރުވެގެން ނުއެއްދާނެ. މީގަ ކޮލިޓީގެ މައްސަލައެއްނޫޅޭ. އަޅުގަނޑުމެންނަށް ފެންނަނީ ދުރުން އިލޫޝަންއޭ، މަސައްކަތް ކުރިއަށްދަނީ ބްރިޖުގައި އެބުނާ ކަހަލަ ބެންޑްތަކެއް ހުރެގެނެއް ނޫން.
ވަޒީރު ވިދާޅުވިއެވެ.
މި ބުރިޖުގެ 72 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ. އަދި ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 86 އިންސައްތަ ސެގްމަންޓް މިހާރު ވަނީ ކާސްޓްކޮށް ނިމިފައެވެ. މީގެ ތެރެއިން 60 އިންސައްތަ ސެގްމަންޓް ވަނީ އިންސްޓޯލްކޮށް ނިންމާފައެވެ.
ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެހީގައި އެ ޤައުމުގެ އެފްކޮންސް ކުންފުނިންނެވެ. އެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ.