ދުނިޔެ

އަފްޣާނިސްތާނުގެ ތިން މީހަކު މަރާލުން ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ސިފަކޮށްފި

އަފްޣާނިސްތާނުގެ ތިން މީހަކު މަރާލުން ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ސިފަކޮށްފި

ކާބުލް އަށް ދިން ހަމަލާއަކަށް ފަހު އަލިފާން ނިއްވަނީ. ފޮޓޯ: އޭއެފްޕީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

05 މޭ 2026، 10:26

05 މޭ 2026، 10:26

އަފްޣާނިސްތާނުގެ ބޯޑަރު ސަރަހައްދަށް ޕާކިސްތާނުން ދިން ހަމަލާއެއްގައި އާންމުންގެ ތިން މީހަކު މަރާލާފައިވާ ކަމަށް ބުނެ، އެއީ "ހަނގުރާމައިގެ ކުށެއް" ކަމަށް އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި މި ހާދިސާއަކީ ޗައިނާ މެދުވެރިވެގެން މިދިޔަ އޭޕްރީލް މަހު ދެ ގައުމުގެ ދެމެދުގައި ގާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ.

އަފްޣާނިސްތާނުގެ ޑެޕިއުޓީ ތަރުޖަމާނު ހަމްދުﷲ ފިތުރަތު އެކްސްގައި ވިދާޅުވީ، ކުނާރު ޕްރޮވިންސްގެ ދަންގާމް ސަރަހައްދަށް ދިން މި ހަމަލާގައި އިތުރު 14 މީހަކު ޒަހަމްވެފައިވާ ކަމަށެވެ. އިސްލާމްއާބާދުން ގަސްތުގައި އާންމުންގެ ގެދޮރާއި، ސްކޫލްތަކާއި، ސިއްހީ މަރުކަޒުތަކުގެ އިތުރުން މިސްކިތްތަކަށް އަމާޒުކޮށް ހަމަލާދީފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ނަމަވެސް ޕާކިސްތާނުގެ އިންފޮމޭޝަން މިނިސްޓްރީން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ބުނި ގޮތުގައި އަފްޣާނިސްތާނުން އާންމުކުރި ފޮޓޯތަކުން ފެންނަ ހަލާކުތަކަކީ އާޓިލަރީ ހަމަލާއަކުން ލިބޭނެ ފަދަ ގެއްލުންތަކެއް ނޫނެވެ. މިއީ ޕާކިސްތާނު ބަދުނާމު ކުރުމަށް ފަތުރާ "ޕްރޮޕެގެންޑާ" އެއް ކަމަށް ޕާކިސްތާނުން ސިފަކުރެއެވެ.

މި ހަމަލާއާ ގުޅިގެން މަސްރަހު ހޫނުވެފައިވަނިކޮށް، ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚުވާ ޕްރޮވިންސްގައި ސަލާމަތީ ބާރުތަކުން ވަނީ އަމިއްލައަށް މަރުވެގެން ދޭން އުޅުނު ހަމަލާއެއް ހުއްޓުވާފައެވެ. ގޮވާތަކެތި ހަރުކޮށްފައިވާ ކާރެއް އަސްކަރީ ޗެކްޕޯސްޓަކަށް އަމާޒުކޮށް ދަތުރުކުރަނިކޮށް ސަލާމަތީ ބާރުތަކުން ބަޑިޖެހުމުގެ ސަބަބުން އެ ކާރު ވަނީ ގޮވާފައެވެ. މި ހާދިސާގައި އެކަކު މަރުވެ، ބަޔަކު ޒަހަމްވިއެވެ.

ޕާކިސްތާނު އިންސްޓިޓިއުޓް ފޯ ޕީސް ސްޓަޑީޒްގެ ޑިރެކްޓަރު މުހައްމަދު އާމިރު ރާނާ އަލްޖަޒީރާއަށް ވިދާޅުވީ، ބޯޑަރު ހުރަސްކޮށް ހަމަލާ ދިނުމުގައި ޕާކިސްތާނަށް އިންޓެލިޖެންސްގެ މައުލޫމާތު ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމަށް އަވަސް ހައްލެއް ލިބޭނެ ކަމުގެ އުންމީދެއް ނެތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިންނަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން މި ތުހުމަތުތައް އަބަދުވެސް ދޮގުކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450