ޚަބަރު
އިމިގްރޭޝަނާއި ބޭންކާ ދެމެދު ޒާތީ މަޢުލޫމާތެއް ޙިއްޞާ ނުކުރާނެ: ބީއެމްއެލް
ޕީއޯއެސް މެދުވެރިކޮށް ބޭންކުގެ ޚިދުމަތް ހޯދޭނެތަ
ފަރުދުން
05 މޭ 2026، 10:25
05 މޭ 2026، 10:25
މޯލްޑިވްސް އިމިގްރޭޝަނާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާ ދެމެދު ކަސްޓަމަރުންގެ ޒާތީ މަޢުލޫމާތު ޙިއްޞާކުރަމުން ނުދާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ. މީސްމީޑިއާގައި ބިއެމްއެލްއިން ޙިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އިމިގްރޭޝަނުން އެއްވެސް ފަރާތެއްގެ ޒާތީ މަޢުލޫމާތު ބޭންކާ ޙިއްޞާކުރަމުން ނުދާކަމުގައެވެ.
ބީއެމްއެލްއިން މިހެން ބުނެފައި މި ވަނީ، އެ ބޭންކުގެ ޕޭމަންޓް ސިސްޓަމްގެ ރައްކާތެރިކަން އިތުރަށް ހަރުދަނާކުރުމުގެ މަޤުސަދުގައި އިމިގްރޭޝަނާއެކު ސްޓްރެޓީޖިކް ޑިޖިޓަލް ޕާޓްނަރޝިޕެއް ޤާއިމްކޮށްފައިވާކަން ހާމަކުރުމަށްފަހުއެވެ.
ބީއެމްއެލްއިން ބުނީ، އިމިގްރޭޝަނާއެކު ހެދި އެއްބަސްވުމާއެކު އެ ބޭންކުން ބަލަމުން ދާނީ ބީއެމްއެލްގެ ކަސްޓަމަރުންގެ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުންކުރާ މުޢާމަލާތްތައް އޮތަރައިޒް ކުރާއިރު ކާޑުގެ ވެރިފަރާތް އެ ވަގުތު ހުރީ ރާއްޖޭން ބޭރުގައިތޯ ނުވަތަ ރާއްޖޭގައިތޯ ކަށަވަރު ކުރުމަށް ކަމަށެވެ.
No data is shared between Immigration and Bank of Maldives pic.twitter.com/8i75JkQyw6
— Bank of Maldives (@bankofmaldives) May 5, 2026
ބޭންކުގެ މި ބަދަލާ ގުޅިގެން ބީއެމްއެލްގެ ކާޑުތައް މެދުވެރިކޮށް ޕީއޯއެސް މެޝިންތައް ވެސް ރާއްޖެއިން ބޭރުގައި ބޭނުން ކުރެވޭނީ ކާޑުގެ ވެރިފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމައެވެ.
އެހެންކަމުން އެހެން ފަރާތަކުން ރާއްޖޭގައި ހުރި މީހެއްގެ ކާޑު ހިފައިގެން ގޮސް ރާއްޖެއިން ބޭރުގައި ބޭނުން ނުކުރެވޭނެ. މީގެތެރޭގައި ކާޑުގެ މައުލޫމާތުތައް ބޭނުންކޮށްގެން ހަދާ އީކޮމާސް ޓްރާންސެކްޝަންތައް ނުހިމެނޭ.
ބީއެމްއެލް އިން ވިދާޅުވިއެވެ.
ބީއެމްއެލްއިން ހާމަކޮށްފައިވާ ގޮތުގައި، ކާޑުން ޓްރާންސެކްޝަނެއް ހެދެނީ އެޕްރޫވަލް ނުވަތަ އޮތަރައިޒޭޝަން ޕްރޮސެސްއެއްގެ ތެރެއިން ކަމުގައިވާއިރު، މި ޕްރޮސެސްގެ ތެރޭގައި ކާޑުގެ ސައްހަކަމާއި ކާޑުގެ ވެލިޑިޓީއާއި އެކައުންޓް ނުވަތަ ކްރެޑިޓް ލިމިޓްގައި އެ ޓްރާންސެކްޝަނަށް ފައިސާދެއްކޭނެ ބެލެންސް ހުރިތޯ އޮޓޮމެޓޮކުން ސިސްޓަމުން އަންގައިދޭނެ ކަމަށެވެ.
މި މަސައްކަތަކީ މާލީ ކުށްތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި ބީއެމްއެލްއިން އެޅި މުހިންމު ފިޔަވަޅެއް. މިއީ ކާޑު ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޅުވާލުމާއި މަކަރާއި ހީލަތުގެ އަމަލުތަކުން ރައްކާތެރިވުމަށް އެޅުނު ސީދާ ފިޔަވަޅެއް.
ބޭންކް އިން ވިދާޅުވިއެވެ.
އެ ބޭންކުން ވަނީ ކޮންމެ މުއާމަލާތަކީވެސް ރައްކާތެރި އަދި ކަށަވަރުކުރެވިފައިވާ މުއާމަލާތެއްކަން ޔަގީންކޮށްދިނުމަށް ބޭންކުން އަބަދުވެސް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަންދީފައެވެ.