ޚަބަރު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮޅުނބުގެ މޭޔަރާއި ބައްދަލުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކޮޅުނބުގެ މޭޔަރާއި ބައްދަލުކުރެއްވުން / ފޮތޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފަރުދުން
06 މޭ 2026، 12:33
06 މޭ 2026، 12:33
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ކޮޅުނބުގެ މޭޔަރު ކެލީ ބެލްތަޒާއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މޭޔަރުގެ ރަސްމީ ގެކޮޅު، ސްރީ ނިވާސާގައެވެ.
މިއީ ސްރީލަންކާގެ ސައިގެ ސަގާފަތް ތަޖުރިބާ ކުރުމުގެ ގޮތުން މޭޔަރު އިންތިޒާމުކުރި ބައްދަލުކުރެއްވުމެކެވެ.
މި ބައްދަލުކުރެއްވުމުގައި ވަނީ ސްރީލަންކާގައި ސައި ކެއްކުމަށް ގެންގުޅޭ ތަފާތު ވައްޓަފާޅިތައް ދައްކާލުމުގެ އިތުރުން، ސަޔާއެކުގައި ބޭނުންކުރަން ކަމުދާނެ ކާނާގެ ބައެއް ބާވަތްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ކުރިއަށް ގެންދަވާފައެވެ.
މީގެ އިތުރުން "ޓުމޯރޯސް ކޮލަންބޯ"ގެ ނަމުގައި ބޭއްވި ކުރެހުމުގެ މައުރަޒެއްވެސް މި ހަފްލާގައި ކުރިއަށް ދިޔައެވެ. މިއީ ކިޔަވާ ކުދިންގެ ފަރާތުން ބޭއްވި ހަރަކާތެކެވެ.
މިހަފުލާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި މޭޔަރު ވަނީ، އިޖްތިމާޢީ ތަރައްޤީއާއި މުޖްތަމަޢުގެ ލާބައަށް ދެ ބޭފުޅުން ކުރާ މަސައްކަތްތަކާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާފައެވެ.
މިއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންގެ ރަސްމީ ހަރަކާތްތަކުގައި ހިމެނިގެން ބައިވެރިވެ ވަޑައިގެންނެވި ހަފުލާއެކެވެ.