ކުޅިވަރު

އެތުލެޓިކޯ ބަލިކޮށް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލަށް އާސެނަލް ދަތުރުކޮށްފި

އެތުލެޓިކޯ ބަލިކޮށް 20 އަހަރަށް ފަހު ޗެމްޕިއަންސް ލީގު ފައިނަލަށް އާސެނަލް ދަތުރުކޮށްފި

ގޯލު ކާމިޔާބުކުރުމަށްފަހު ބުކާޔޯ ސަކާ އުފާފާޅުކުރަނީ---

06 މޭ 2026، 09:17

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި އެތުލެޓިކޯ މެޑްރިޑް 1-0އިން ބަލިކުރުމަށްފަހު، އާސެނަލްގެ ހަޔާތުގައި ދެވަނަ ފަހަރަށް ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. އަދި މިއީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެ މުބާރާތުގެ ފައިނަލަށް އާސެނަލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ ހަފްތާއެއް ކުރިން އެތުލެޓިކޯގެ މެޓްރޮޕޮލިޓާނޯގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، އެ މެޗު 1-1 އިން އެއްވަރުވީ ދެ ޓީމަށް ލިބުނު ޕެނަލްޓީތަކުންނެވެ. 

ނަމަވެސް އެމިރޭޓްސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗު އާސެނަލްއިން ވަނީ 1-0އިން ކާމިޔާބުކޮށްފައެވެ. އެއީ ފުރަތަމަ ހާފު ނިމެން ދަނިކޮށް، ލިސާންދްރޯ ޓްރޮސާޑް ފޮނުވާލި ބާރު ހަމަލާއެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އެތުލެޓިކޯގެ ގޯލްކީޕަރު ޔޭން އޮބްލެކްގެ އަތުގައި ޖެހިފައި ނިކުތް ބޯޅަ، އެ ޓީމުގެ ހުނަރުވެރި ކުޅުންތެރިޔާ، ބުކާޔޯ ސަކާ ގޯލު ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. މި ގޯލާއެކު 2-1ގެ އެގްރިގޭޓް ސްކޯއަކުން އާސެނަލްއަށް ވަނީ ކުރި ލިބިފައެވެ. 

މި މަހުގެ 30 ވަނަ ދުވަހު ހަންގޭރީގެ ބުޑަޕެންސްޓުގައި ކުޅުމަށް ހަމަޖެހިފައިވާ ފައިނަލުގައި އާސެނަލްއާ ދެކޮޅަށް ނިކުންނާނީ، މުބާރާތް އެންމެ ފަހުން ކާމިޔާބުކުރި ޕެރިސް ސެއިންޓް-ޖަމެއިން (ޕީއެސްޖީ) ނުވަތަ ބެޔާން މިއުނިކެވެ. މި ދެ ޓީމު ބައްދަލުކުރާ ސެމީފައިނަލުގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ މިރެއެވެ. މި ދެ ޓީމުގެ ވާދަވެރިކަން ފެނުނު ފުރަތަމަ ލެގު ނިމުނީ 5-4އިން ޕީއެސްޖީ ކުރީގައި އޮވެގެނެވެ.

އާސެނަލްގެ ކޯޗު މިކޭލް އާޓޭޓާ---

މީގެ ކުރިން އެއްވެސް ފަހަރަކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިނުވާ އާސެނަލް ވަނީ 2006ވަނަ އަހަރުގެ ފައިނަލުގައި ކުޅެފައެވެ. އެއީ އެ ޓީމުން މުބާރާތުގެ ފައިނަލުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ އަހަރުގެ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ކުޅެ އާސެނަލްއަށް ނާކާމިޔާބުވީ 2-1އިންނެވެ.

އާސެނަލްއަށް މި ސީޒަންގައި ދެ ތަށި ކާމިޔާބު ކުރުމުގެ ފުރުސަތު އަދި އެބައޮތެވެ. އެއީ އިނގިރޭސި ލީގާއި ޗެމްޕިއަންސް ލީގެވެ. އެހެންކަމުން މިކަން ކާމިޔާބު ކުރެވިއްޖެނަމަ، މިއީ "އިންވިންސިބަލް" ސީޒަނަށްފަހު އާސެނަލްގެ ހަޔާތުގައި އެންމެ ކާމިޔާބު ސީޒަނަށް ވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450