ކުޅިވަރު

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމްއިން ބާއްވާ ފުޓްސަލް މުބާރާތަށް ހުޅުވާލަނީ

މުޅި ރާއްޖެއަށް ހުޅުވާލައިގެން އެފްއޭއެމްއިން ބާއްވާ ފުޓްސަލް މުބާރާތަށް ހުޅުވާލަނީ

ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ދިވެހި ޤައުމީ ފުޓްސަލް ޓީމުން އުފުލާލުން / ފޮޓޯ: އެފްއޭއެމް

06 މޭ 2026، 01:28

މުޅިން އަލަށް ރާއްޖޭގައި ބާއްވާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް އަންނަ ހަފްތާގައި ހުޅުވާލާނެކަމަށް އެ އެސޯސިއޭޝަންގެ ރައީސް އަޙުމަދު ޠާރިޤު ވިދާޅުވެއްޖެއެވެ.

މިކަން އިއުލާނުކުރައްވައި ސޯޝަލް މިޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޠާރިޤު ވިދާޅުވީ، މުބާރާތް ކުރިޔަށް ގެންދާނީ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ބާއްވަމުންދާ ފޯމެޓަށް ކަމަށެވެ. އަދި މިގޮތަށް މުބާރާތް ބޭއްވުމުން، ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ފުޓްސަލް ކުޅުންތެރިންނަށް އެ ކުޅުންތެރިންގެ ހުނަރު ޤައުމީ ލެވެލްގައި ދައްކާލުމުގެ ފުރުސަތު ލިބިގެން ދާނެކަމަށް ވެސް ޠާރިޤު ފާހަގަ ކުރެއްވެވިއެވެ.

އެހެންކަމުން، މި މުބާރާތުގައި ފުރަތަމަ އޮންނާނީ އަތޮޅު މުބާރާތްތަކެވެ. އަދި އެއަށްފަހު އަތޮޅުގެ ޗެމްޕިއަނުންނާއި ރަނަރރަޕް ޓީމަށް ރީޖަނަލް ބުރުގެ ކޮލިފިކޭޝަނުން ޖާގަ ލިބޭނެއެވެ. ކޮލިފިކޭޝަން ބުރު ދެ ޒޯނަކަށް ބަހާލައިގެން ކުރިޔަށް ގެންދާއިރު، ކޮންމެ ޒޯނެއްގެ ޗެމްޕިއަން ޓީމާއި ރަނަރރަޕް ޓީމަށް ރީޖަނަލް ލީގުން ޖާގަ ލިބޭނެއެވެ. އަދި ރީޖަނަލް ލީގު ކުރިޔަށް ދާނީ ހަތަރު ޓީމެއްގެ މެދުގައެވެ. 

އެއަށްފަހު ނޭޝަނަލް ލީގުން ޖާގަ ލިބޭނީ، ނުވަތަ އެ ލީގުގެ ޕްލޭ އޮފް ބުރުން ޖާގަ ލިބޭނީ ކޮންމެ ރީޖަންއެއްގެ ޗެމްޕިއަން ޓީމަށެވެ.

ރީޖަންތައް ބަހާލާފައިވާ ގޮތަށް ބަލާއިރު، ނޯރތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450