ދުނިޔެ

ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެފިސިޓް 33.5 ބިލިއަން ޑޮލަރަށް

ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެފިސިޓް 33.5 ބިލިއަން ޑޮލަރަށް

ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެޕަސިޓް 33.5 ބިލިއަން ޑޮލަރަށް ދަށްވުން. ފޮޓޯ: ރޮއިޓާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 މޭ 2026، 05:58

06 މޭ 2026، 05:58

ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމާ ގުޅިގެން ތެލުގެ އާމްދަނީ ދަށްވުމުގެ ސަބަބުން ސައުދީ އަރަބިއްޔާގެ ބަޖެޓް ޑެފިސިޓް ބޮޑުތަނުން އިތުރުވެއްޖެއެވެ.

 ސައުދީ ފިނޭންސް މިނިސްޓްރީން އަންގާރަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ގައުމުގެ ބަޖެޓް ޑެފިސިޓް ވަނީ 125.7 ބިލިއަން ރިޔާލް (33.5 ބިލިއަން ޑޮލަރު) އަށް އަރާފައެވެ.

ސައުދީ ސަރުކާރުގެ ޚަރަދުތައް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތަ އިތުރުވެ، 386.7 ބިލިއަން ރިޔާލަށް ވަނީ އަރާފައެވެ. ނަމަވެސް، ސަރުކާރަށް ލިބުނު ތެލުގެ އާމްދަނީ ވަނީ 3 އިންސައްތަ ދަށަށް ގޮސް، 144.7 ބިލިއަން ރިޔާލަށް މަދުވެފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހުރި ޑެފިސިޓަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.

މި ޑެފިސިޓަކީ ސައުދީ ސަރުކާރުން ކުރިން ލަފާކޮށްފައިވާ މިންވަރަށްވުރެ ބޮޑު އަދަދެކެވެ. 2026 ވަނަ އަހަރުގެ މުޅި ބަޖެޓަށް ސައުދީ އޮފިޝަލުން ކުރިން ލަފާކުރީ 65 ބިލިއަން ރިޔާލް (17 ބިލިއަން ޑޮލަރު) ގެ ޑެފިސިޓެކެވެ. ނަމަވެސް، އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް މިވަނީ ލަފާކުރި މިންވަރަށްވުރެ ބޮޑުތަނުން ޑެފިސިޓް އިތުރުވެފައެވެ.

ޚަރަދުތައް އިތުރުވި ދާއިރާތައް
ސަރުކާރުގެ ޚަރަދުތަކަށް ބަލާއިރު، އެންމެ ބޮޑު ކުރިއެރުމެއް އައިސްފައިވަނީ އިގްތިސާދީ ވަސީލަތްތަކުގެ ދާއިރާއިންނެވެ. މި ދާއިރާގެ ޚަރަދުތައް ވަނީ 52 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން އަސްކަރީ، އުމްރާނީ ތަރައްގީ އަދި ދަތުރުފަތުރުގެ ދާއިރާއިން ޚަރަދުތައް ވަނީ 26 އިންސައްތަ އިތުރުވެފައެވެ. ތެޔޮ ނޫން އެހެން ދާއިރާތަކުން ލިބުނު އާމްދަނީ 2 އިންސައްތަ އިތުރުވި ނަމަވެސް، އެއީ ތެލުގެ އާމްދަނީން ވީ ގެއްލުން ފޫބެއްދުމަށް އެކަށީގެންވާ މިންވަރެއް ނޫނެވެ.

ދުނިޔޭގެ އެންމެ ގިނައިން ތެޔޮ އެކްސްޕޯޓްކުރާ ސައުދީ އަރަބިއްޔާއަށް ހޮރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ. ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި އުފުލާ މި ކަނޑުއޮޅި ބަންދުވެފައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސް ވެފައިވަނީ އީރާނުން ދެމުންދާ އިންޒާރުތަކާ ގުޅިގެންނެވެ. ސައުދީން މިހާރު ތެޔޮ އެކްސްޕޯޓް ކުރަމުންދަނީ އީސްޓް-ވެސްޓް ޕައިޕްލައިން މެދުވެރިކޮށް ރެޑް-ސީ ޕޯޓް އޮފް ޔަންބޫ މަގުންނެވެ.

މި ދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކަނޑުއޮޅި ހުޅުވުމަށް ފެށި އަސްކަރީ އޮޕަރޭޝަން "ޕްރޮޖެކްޓް ފްރީޑަމް" މެދުކަނޑާލާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނާއެކު ސުލްހައިގެ އެއްބަސްވުމަކަށް ދިއުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާ ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450