ދުނިޔެ
އެމެރިކާގެ އޮޕަރޭޝަން މެދުކަނޑާލުމާއެކު ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރެވޭނެ: އީރާން
ހޮރްމުޒް ކަނޑުއޮޅި. ފޮޓޯ: ރޮއިޓާސް
އެމެރިކާއިން ކުރިއަށްގެންދިޔަ އަސްކަރީ އޮޕަރޭޝަން މެދުކަނޑާލުމާ ގުޅިގެން، ހޯރްމޫޒް ކަނޑުއޮޅިން އުޅަނދުފަހަރު ދަތުރުކުރުމުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) އިން ބުނެފިއެވެ.
އީރާނުން މިކަން ހާމަކޮށްފައިވަނީ ތާށިވެފައިވާ އުޅަނދުފަހަރަށް އެހީތެރިވުމަށް އެމެރިކާއިން ކުރިއަށްގެންދިޔަ އޮޕަރޭޝަންތައް މެދުކަނޑާލާފައިވާ ކަމަށް އެމެރިކާއިން އިއުލާނުކުރުމާ ގުޅިގެންނެވެ.
އައި.އާރު.ޖީ.ސީ އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އާ އުސޫލުތަކެއްގެ ދަށުން ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރިކަން ލިބޭނެ ކަމަށެވެ. ނަމަވެސް މި އާ އުސޫލުތަކުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. މި އިއުލާނު އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް "ޕްރޮޖެކްޓް ފްރީޑަމް" އޮޕަރޭޝަން މެދުކަނޑާލުމާ ގުޅިގެންނެވެ. ޓްރަމްޕް ވިދާޅުވީ މި ނިންމުން ނިންމީ ޕާކިސްތާނުގެ މެދުވެރިވުމާއެކު އީރާނާއެކު އެއްބަސްވުމަކަށް އައުމަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުންދާތީ ކަމަށެވެ.
ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރަނިކޮށް ފްރާންސްގެ ސީ.އެމް.އޭ ސީ.ޖީ.އެމް ކުންފުނީގެ "ސަން އެންޓޯނިއޯ" އުޅަނދަށް ހަމަލާދީ، ފަޅުވެރިންނަށް އަނިޔާވެ އުޅަނދަށް ގެއްލުންތަކެއް ވަނީ ލިބިފައެވެ. ނަމަވެސް ފްރާންސް ސަރުކާރުގެ ތަރުޖަމާނު މައުޑް ބްރެޖޯން ވިދާޅުވީ، މި ހަމަލާއަކީ ސީދާ ފްރާންސަށް އަމާޒުކޮށް ދިން ހަމަލާއެއް ނޫން ކަމަށެވެ. "ފްރާންސަކީ އެއްވެސް ހާލެއްގައި މި ހަމަލާގެ އަމާޒެއް ނޫން" ބްރެޖޯން ވިދާޅުވިއެވެ. ސީ.އެމް.އޭ ސީ.ޖީ.އެމް އިން ބުނި ގޮތުގައި ހަނގުރާމަ ފެށުނުއިރު އެ ކުންފުނީގެ 14 އުޅަނދެއް ގަލްފް ސަރަހައްދުގައި ތާށިވެފައިވެއެވެ.
ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން ގަލްފްގެ ގައުމުތަކުގެ އިޤުތިޞާދަށް ދަނީ ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. ގޯލްޑްމަން ސެކްސްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، ތެޔޮ ބޭރުނުކުރެވުމުގެ ސަބަބުން ގަލްފް ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) ގެ ގައުމުތަކަށް ދުވާލަކު ގާތްގަނޑަކަށް 700 މިލިއަން ޑޮލަރުގެ ގެއްލުންވަމުންދެއެވެ.
ސައުދީ އަރަބިއްޔާ، ޔޫ.އޭ.އީ އަދި ގަތަރު ފަދަ ގައުމުތަކުގައި ބޮޑެތި ރިޒާވްތަކެއް ހުރި ނަމަވެސް، ތެލާއި ގޭހުގެ އަގު އުފުލުމާއެކުވެސް އެ ތަކެތި ބޭރުނުކުރެވުމަކީ އިޤުތިޞާދަށް އޮތް ބޮޑު ގޮންޖެހުމެކެވެ. ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން ހަނގުރާމަ ފެށި ފަހުން، އީރާނުން ވަނީ ކަނޑުއޮޅި ބަންދުކޮށް، އުޅަނދުފަހަރަށް ހަމަލާދީ ކަނޑުއަޑީގައި މައިން ވަޅުލާފައެވެ. މި ހާލަތުގެ ސަބަބުން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ގާތްގަނޑަކަށް 20 އިންސައްތަ ވަނީ ހުއްޓުމަކަށް އައިސްފައެވެ.