ދުނިޔެ
ނިއުކްލިއަރ ހަރަކާތްތަކަކީ ސުލްހަވެރި މަޤުޞަދުތަކެއްގައި ހިންގާ ހަރަކާތްތަކެއް: އިރާން
އީރާނުގެ ނިއުކްލިއަރ ފެސިލިޓީއެއް. ފޮޓޯ: އޭޕީ
އީރާނުގެ ނިއުކްލިއަރ ހަރަކާތްތަކަކީ ސުލްހަވެރި މަޤުޞަދުތަކެއްގައި ހިންގާ ހަރަކާތްތަކެއްކަން ބައިނަލްއަޤުވާމީ މިންގަނޑުތަކާ އެއްގޮތަށް ސާބިތުކޮށްދިނުމަށް އެ ޤައުމު އޮތީ ތައްޔާރަށް ކަމަށް އީރާނުގެ ރިޔާސަތުން އަންގާރަ ދުވަހު ބުނެފިއެވެ.
މިކަން ހާމަކުރެއްވީ އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން، އިރާގުގެ ބޮޑުވަޒީރުކަމަށް ކަނޑައަޅާފައިވާ އަލީ އަލް-ޒައިދީއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޕެޒެޝްކިއަން ވިދާޅުވީ، ބައިނަލްއަޤުވާމީ ޤަވާއިދުތަކާއި ދުނިޔޭގެ މޮނިޓަރިންގ ނިޒާމުތަކުގެ ތެރެއިން ޔަޤީންކަން ދިނުމަށް ހުރިހާ މަޝްވަރާތަކެއްގައިވެސް އީރާނުން ފުރިހަމަ ތައްޔާރީތައް ދައްކާފައިވާނެ ކަމަށެވެ. ނަމަވެސް އެމެރިކާގެ ސިޔާސަތުތަކުގައި ހުރި ފުށުއެރުންތަކަށް އޭނާ ފާޑުވިދާޅުވިއެވެ. ޕެޒެޝްކިއަން ވިދާޅުވީ ވޮޝިންގޓަނުން އެއްކޮޅުން މަޝްވަރާއަށް ގޮވާލާއިރު، އަނެއްކޮޅުން އީރާނަށް ދަނީ ޕްރެޝަރު ކުރަމުން ކަމަށެވެ.
މީގެ އިތުރުން، މީގެ ކުރިން ބޭއްވުނު ނިއުކްލިއަރ ވާހަކަތަކުގެ ތެރޭގައިވެސް އީރާނަށް ހަމަލާތައް އަމާޒުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށްދާއިރުވެސް، އަސްކަރީ ބިރުދެއްކުންތަކާ އީރާނުން ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ސަރަޙައްދީ ގައުމުތަކުގައި ހުރި ބައެއް ވަސީލަތްތައް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފައިވާތީ، އެފަދަ އަސްކަރީ ބިރުދެއްކުންތައް ހުއްޓާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.
ސަރަޙައްދީ ގުޅުންތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕެޒެޝްކިއަން ވިދާޅުވީ އީރާނުން އިރާގު ބަލަނީ "އަޚު" ގައުމެއްގެ ގޮތުގައި ކަމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ތާއީދުކުރާ ކަމަށެވެ. އަދި އީރާނަކީ ހަނގުރާމައަކަށް ނުވަތަ ހަމަނުޖެހުމަކަށް އެދޭ ގައުމެއް ނޫން ކަމަށާއި، ހުރިހާ މައްސަލަތަކެއްވެސް ހައްލުކުރަން ބޭނުންވަނީ މަޝްވަރާގެ މޭޒުން ކަމަށް އޭނާ ބުންޏެވެ.
އިރާގުގެ ބޮޑުވަޒީރުކަމަށް ކަނޑައަޅާފައިވާ ޒައިދީ ވިދާޅުވީ، މަސްރަހު ފިނިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބަޣުދާދުން އެއްބާރުލުން ދޭނެ ކަމަށާއި، އީރާނާއި އެމެރިކާއާ ދެމެދު ބޭއްވޭ މަޝްވަރާތަކަށް އިރާގުން މޭޒްބާންކަން ކުރެވިދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެގައުމުގެ ދެމެދުގައި ހުރި ތަފާތުތައް ހައްލުކުރަންޖެހޭނީ ވާހަކަދައްކައިގެން ކަމަށާއި، ކުރިމަތިލުންތަކަކީ ދާއިމީ ހައްލެއް ލިބޭނެ ކަމެއް ނޫން ކަމަށެވެ.
ސަރަޙައްދީ ނުތަނަވަސްކަން ބޮޑުވެފައިވަނީ ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. އޭގެ ފަހުން އޭޕްރީލް 8 ގައި ޕާކިސްތާނުގެ މެދުވެރިކަމާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، ދާއިމީ ހައްލަކަށް ނާދެވުނެވެ. މިހާރު އެމެރިކާއިން ދަނީ ހޮރްމޫޒް ކަނޑުއޮޅި ސަރަހައްދުން އީރާނުގެ ކަނޑުގެ ދަތުރުފަތުރަށް ހުރަސްއަޅައި ބްލޮކޭޑެއް ހިންގަމުންނެވެ.