ދުނިޔެ
ދުނިޔޭގެ އެކަހެރިކަމާ ކުރިމަތިލުމަށް އިސްރާއީލުން 730 މިލިއަން ޑޮލަރުގެ ޕްރޮޕަގަންޑާ ކެމްޕޭނެއް ފަށަނީ
ނަތަންޔާހޫ. ފޮޓޯ: ޖީޕީއޯ
ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމާއި ސަރަހައްދީ ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލު އެކަހެރިވަމުންދާތީ، އެ ގައުމުގެ އަބުރު ރައްކާތެރިކުރުމަށްޓަކައި 730 މިލިއަން ޑޮލަރުގެ ބޮޑު ޕްރޮޕަގަންޑާ ބަޖެޓެއް ކަނޑައަޅައިފިއެވެ.
މި ފައިސާ ހަރަދުކުރުމަށް ހަމަޖެހިފައިވަނީ އިސްރާއީލުގެ ބައިނަލްއަގުވާމީ މީޑިއާ ސްޓްރެޓެޖީ ބަލަހައްޓާ ނޭޝަނަލް ޕަބްލިކް ޑިޕްލޮމަސީ ޑައިރެކްޓަރޭޓް ނުވަތަ 'ހަސްބަރާ' ޔުނިޓަށެވެ.
މި މަސައްކަތުގެ ދަށުން އިސްރާއީލުން ވަނީ ދުނިޔޭގެ މީޑިއާތަކުން އެ ގައުމާ ބެހޭގޮތުން ފަތުރާ ހަބަރުތައް ވަގުތުން މޮނިޓަރ ކުރާނެ "މީޑިއާ ވޯ ރޫމް" އެއް ގާއިމުކޮށްފައެވެ. މި މަރުކަޒުން ކޮންމެ ދުވަހަކު ބައިނަލްއަގުވާމީ މީޑިއާތަކުގައި އިސްރާއީލާ ބެހޭގޮތުން ދެކެވޭ އެތައް ހާސް ވާހަކައެއް ޓްރެކް ކުރާނެއެވެ. މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން އޮންލައިން ކެމްޕޭންތައް ހިންގުމަށްޓަކައި، އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕްގެ ކެމްޕޭން ސްޓްރެޓެޖިސްޓް ބްރެޑް ޕާސްކޭލްއާ ގުޅުންހުރި ކުންފުންޏަކާއެކު މަހަކު 1.5 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
އިސްރާއީލުން މިފަދަ ބޮޑު ހަރަދެއް ކުރަން ނިންމާފައި މިވަނީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި 250,000 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރާލައި ޒަހަމްކޮށްލާފައިވާތީ، ބައިނަލްއަގުވާމީ މުޖުތަމައުގެ ފާޑުކިޔުން އިންތިހާއަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން (ICC) ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާއިރު، ބައިނަލްއަގުވާމީ އަދުލު އިންސާފުގެ ކޯޓުގައި (ICJ) އިސްރާއީލާ ދެކޮޅަށް ގަތުލުއާންމުގެ މައްސަލައެއްވެސް ދަނީ ހިނގަމުންނެވެ.
އެމެރިކާގެ ޕިއު ރިސާޗް ސެންޓަރުން ދާދިފަހުން ކުރި ސާވޭއަކުން ދައްކާގޮތުގައި 60 އިންސައްތަ އެމެރިކާ މީހުން އިސްރާއީލާ މެދު ދެކެނީ ނުބައިކޮށެވެ. މި ހިޔާލު ބަދަލުކުރުމަށްޓަކައި އިސްރާއީލުން ދަނީ އެވްންޖެލިކަލް ނެޓްވޯކްތަކާއި އިންފްލުއެންސަރުން މެދުވެރިކޮށް މާކެޓިން ކެމްޕޭންތައް ހިންގުމަށް އަމިއްލަ ޕީއާރު ކުންފުނިތަކަށް ބޮޑެތި ހަރަދުތަކެއް ކުރަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ އިޝްތިހާރުތަކަށް 50 މިލިއަން ޑޮލަރު އަދި ބޭރުގެ ވަފުދުތަކަށް މެހެމާންދާރީ އަދާކުރުމަށް 40 މިލިއަން ޑޮލަރު ހިމެނެއެވެ.
ހާރިޖީ ވަޒީރު ގިޑިއޯން ސާރްގެ ބެއްލެވުމުގެ ދަށުން، ބައިނަލްއަގުވާމީ މައިދާނުގައި އިސްރާއީލުގެ ވާހަކަތައް ފަތުރާނެ ގޮތް ކޮންޓްރޯލް ކުރުމަށް އާ ޔުނިޓްތަކެއް ވަނީ އުފައްދާފައެވެ. މިއީ އިސްރާއީލުގެ ތާރީހުގައިވެސް ޕްރޮޕަގަންޑާ ފެތުރުމަށް މިހާ ބޮޑު ބަޖެޓެއް ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ބައިނަލްއަގުވާމީ ގޮތުން ކުރިމަތިވަމުންދާ ގާނޫނީ އަދި ސިޔާސީ ޕްރެޝަރުތަކުން ސަލާމަތްވުމަށްޓަކައި ދުނިޔޭގެ އާންމު ހިޔާލު ބަދަލުކުރުމެވެ.