Ads by Farudhun

ޚަބަރު

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދިނުމަކީ އަމިއްލަ ވިޔަފާރިތަކަށް ހުރަސް އެޅުމެއް ނޫން: ސައީދު

އެމްޓީސީސީން ޓެކްސީގެ ހިދުމަތް ދިނުމަކީ އަމިއްލަ ވިޔަފާރިތަކަށް ހުރަސް އެޅުމެއް ނޫން: ސައީދު

އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ : ޕީއެސްއެމް

07 މޭ 2026، 10:14

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މާލޭގައި ޓެކްސީގެ ހިދުމަތް ދޭން ފެށުމަކީ އަމިއްލަ ފަރާތްތަކުން ކުރާ ވިޔަފާރިތަކުގެ ތެރެއަށް ސަރުކާރުން ވަނުން ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ޓެކްސީގެ ހިދުމަތަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތެއް ކަމަށާއި، ސަރުކާރުގެ އަމާޒަކީ އެ ހިދުމަތް ރައްޔިތުން ބޭނުންވާ ފަދަ ފެންވަރު ރަނގަޅު، އިތުބާރު ހުރި ހިދުމަތަކަށް ހެދުން ކަމަށެވެ. އެމްޓީސީސީން މި ހިދުމަތުގެ ތެރެއަށް ވަނީ ވަކި މިންގަނޑުތަކެއް ހިފަހައްޓައި، ނަމޫނާ މަގެއް ދެއްކުމުގެ މަގްސަދުގައި ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

"ޓެކްސީ ހިދުމަތް އެމްޓީސީސީން ފެށިއަސް، މުޅި ސަރުކާރު އެއްކޮށް ފެށިއަސް ހަމަ ހުންނާނެ ފްލޯސް (އުނިކަންތައްތަކެއް). ރަނގަޅު ކުރަން ޖެހޭ ކަންތައްތައް ހުންނާނެ. މިސާލަކަށް ކޯލް ނެގުން، ދަތުރުތަކަށް ބަރާބަރަށް އެޓެންޑްވުން އަދި ޑްރައިވަރުންގެ އަދަބު އަހުލާގު ރަނގަޅުކުރުން ފަދަ ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ހިދުމަތާ ގުޅޭ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެޕްރީލް 18 އިން މެއި 1 އާ ހަމައަށް އެވްރެޖްކޮށް ކަސްޓަމަރަކު ގުޅާތާ 8.5 މިނެޓުގެ ތެރޭގައި ކާރު ލިބޭ ކަމަށެވެ. އަދި ކޮންމެ ދަތުރަކަށް އެވްރެޖްކޮށް ހޭދަވަނީ 12.2 މިނެޓު ކަމަށް އޭނާ ވިދާޅުވިއެވެ.

ސައީދު އިތުރަށް ހާމަކުރެއްވި ގޮތުގައި، އޭޕްރިލް 13 އިން 18 އަށް އެމްޓީސީސީން ވަނީ ޖުމްލަ 11،128 ދަތުރު ކޮށްފައެވެ. އަދި މާލޭގައި ކުރާ ދަތުރުތަކުގެ ނިސްބަތް ފެށުނު ދުވަހުން ފެށިގެން މިހާތަނަށް 50 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދުވާލަކަށް ވަރަށް ގިނަ އަދަދެއްގެ ކޯލު އާދޭ، ހުރިހާ ކޯލަކަށް އެޓެންޑް ނުވެވިދާނެ މިއީ ވަރަށް އާރލީ ސްޓޭޖެއްގައި އުޅޭތީ. އެކަމަކު ރައްޔިތުން ބޭނުން ކުރަމުން އަންނަ ނިސްބަތް ދަނީ ވަރަށް ބޮޑުތަނުން އިތުރުވަމުން،" މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ޓެކްސީ އެސޯސިއޭޝަނާ ގުޅިގެން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ސައީދު ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450