ޚަބަރު
ރައީސުލްޖުމްހޫރިއްޔާ، ކޮޅުނބަށް ކުރެއްވި ދަތުރުފުޅުގައި އިޚްތިޔާރުކުރެއްވީ ސްރީލަންކަން އެއަރލައިންސް
ދަތުރުފުޅުގެ ތެރެއިން/ފޮޓޯ: ސްރީލަންކަން އެއަރލައިންސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ކޮޅުނބަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާލެއިން ކޮލަމްބޯއަށް ކުރެއްވި މި ދަތުރުފުޅުގައި ބޭނުންކުރައްވާފައި ވަނީ ސްރީލަންކާގެ ޤައުމީ އެއަރލައިން، ސްރީލަންކަން އެއަރލައިންސްއެވެ. އެގޮތުން، އެމަނިކުފާނު ދަތުރުކުރެއްވީ އެ އެއަރލައިންގެ ފްލައިޓް UL116 އިންކަމަށް ސްރީލަންކަން އެއަރލައިންސް އިން މަޢުލޫމާތުދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅާ ގުޅިގެން ސްރީލަންކަން އެއަރލައިންސްއިން ވަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަކީ އެ އެއަރލައިންއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި މި ދަތުރުފުޅުގެ އެއަރލައިންއެއްގެ ގޮތުގައި ސްރީލަންކަން އެއަރލައިންސް އިޚްތިޔާރު ކުރެއްވި ކަމަށްޓަކައި އެ އެއަރލައިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައިވެއެވެ.
It was an honour to welcome President of the Republic of Maldives, Dr. Mohamed Muizzu, onboard SriLankan Airlines on flight UL116 from Malé to Colombo.
— SriLankan Airlines (@flysrilankan) May 7, 2026
Thank you for choosing SriLankan Airlines. We are proud to connect the region with our signature Sri Lankan warmth and… pic.twitter.com/PJDa1iBmpp
މީގެ އިތުރުން ސްރީލަންކަން އެއަރލައިންސްއިން ބުނި ގޮތުގައި، ސްރީލަންކާގެ އަމިއްލަވަންތަ ހޫނު މަރުޙަބާއާއި ފުރިހަމަ މެހެމާންދާރީއާއެކު ރައީސުލްޖުމްހޫރިއްޔާއަށް ޚިދުމަތް ދެވުމަކީ އެ ކުންފުނިން ފަޚުރުވެރިވާ ކަމެކެވެ. ހަމަ އެހެންމެ، ދެކުނު އޭޝިއާ ސަރަޙައްދުގެ ޤައުމުތައް ގުޅުވައިދިނުމުގައި އިތުބާރުހުރި ޚިދުމަތްތެރިއެއްގެ ގޮތުގައި ދެމިއޮތުމަކީ އެ އެއަރލައިންގެ އަމާޒެއް ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.
މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، އެކި ދާއިރާތަކުން ދެ ޤައުމުގެ އެއްބާރުލުން ބަދަހިކުރުމުގެ މަޤްޞަދުގައި ކުރެއްވި ދަތުރުފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސްރީލަންކާގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ޤައުމުގެ މަޞްލަޙަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.