ޚަބަރު
ފީއަލީ އަލިފާނުގެ ޙާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ
އަލިފާނުގެ ޙާދިސާ/ފޮޓޯ: ވޮއިސް
ފ. ފީއަލީގައި ހިނގި އަލިފާނުގެ ޙާދިސާގައި ފިހުނު ބިދޭސީ މީހާ ނިޔާވެއްޖެ އެވެ.
ފީއަލި ބަނދަރުގައި އޮތް ތެޔޮ ބޯޓެއްގައި ރޯވެ، އެ ބަނދަރުގައި އޮތް އެހެން އުޅަނދުތަކަށް ހުޅުގަނޑު ފެތުރި، އަލިފާނުގެ ޙާދިސާއެއް ހިނގާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 9 ވަނަ ދުވަހުއެވެ.
މި ޙާދިސާގައި، ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތަކު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. އަދި މިމީހާއަށް ފީއަލީ ޞިއްޙީ މަރުކަޒުގައި ފަރުވާދިނުމަށްފަހު، އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސް، އައިޖީއެމްއެޗް ގެ ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް އޭނާ ވަނީ މިމަހުގެ 4 ވަނަ ދުވަހު ނިޔާވެފައެވެ. ހަމަ އެހެންމެ، އެމީހާގެ ހަށިގަނޑު މިމަހުގެ 5 ވަނަ ދުވަހު ޤައުމަށް ފޮނުވާލާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ވިދާޅުވެފައެވެ.
މި ޙާދިސާގައި އަލިފާންގަނޑު ފެތުރި، އެރަށުގައި ހުންނަ އައިސްޕްލާންޓްގައި ރޯވެ، އެތަން ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ތެޔޮ ދޯނީގައި ރޯވި އަލިފާންގަނޑު އިތުރަށް ފެތުރި ތިން ދޯންޏަކަށް ވެސް ވަނީ ގެއްލުންވެފައެވެ.