ޚަބަރު
ފަލަސްޠީނާ ގުޅޭ ޚާއްޞަ ޢިލްމީ ފޯރަމެއް ބާއްވައިފި
ފަލަސްޠީނާ ގުޅޭ ޚާއްޞަ ޢިލްމީ ފޯރަމް
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަން އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ގުޅުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ގުޅިގެން ފަލަސްޠީނާގުޅޭ ޚާއްސަ ޢިލްމީ ފޯރަމެއް ކުރިއަށް ގެންގޮސްފި އެވެ. މި ފޯރަމް ބޭއްވުނީ 24 ނޮވެންބަރު 2024ވީ އާދީއްތަދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ ސީ.އޭ އޮޑިޓޯރިއަމްގައެވެ.
މި ފޯރަމްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ ބައެއް އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. ފޯރަމްގައި ފަލަސްތީނުގެ މައްސަލައަށް ޢިލްމީ ނަޒަރިއްޔާތަކުން އަލިއަޅުވާލައި، ފަލަސްޠީނު މައްސަލަ ފެށިގެން އައިގޮތުގެ ރިޕޯޓަކާއި ޕްރެޒެންޓޭޝަނެއް ހުށަހެޅުނެވެ. އަދި ޒަޔަނިޒަމަކީ ކޮބައިކަމާއި މަސްޖިދުލް އަޤްޞާއާއި ފަލަސްޠީނުގެ މާތްކަމާބެހޭ ގޮތުންވެސް ޕްރެޒެންޓޭޝަނެއް ހުށަހެޅުނެވެ.
ފޯރަމްގައި ޕެނަލް ޑިސްކަޝަނެއްވެސް ކުރިއަށް ގެންދެވުނެވެ. މި ޕެނަލްގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ޑީން ޑރ.ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، ސެންޓަރ ފޯރ ފައުންޑޭޝަން ސްޓަޑީޒްގެ ސީނިއަރ ލެކްޗަރަރ މުޙައްމަދު ދީދީ އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވިޒިޓިންގ ލެކްޗަރަރ އައިޝައިޚް ޢަލީ ރިޒާ އަޙްމަދު ބައިވެރިވެ ވަޑައިގަތެވެ. ޕެނަލް މޮޑަރޭޓްކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ފުރަތަމަ ދައުރުގެ ރައީސް އައްޝައިޚް ހާތިމް ޔޫސުފެވެ.
މި ފޯރަމަކީ ޢިލްމީ ނަޒަރިއްޔާތަކުން ފަލަސްޠީނުގެ ވާހަކަ ގެނެސްދިނުމުގެ ބޭނުމުގައި މަތީ ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ފަރާތުން ކުރިއަށް ގެންދެވޭ މިފަދަ ފުރަތަމަ ފޯރަމެވެ. އަދި މި ފޯރަމްގެ އިތުރު އެޑިޝަންތައް ކުރިއަށް އޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ރޭވިފައެވެ.
ފަލަޞްޠީނަށްޓަކައި މިއަދު ކުރަންޖެހޭ އެންމެ މުހިމު އެއް ކަމަކީ ފަލަސްޠީނުގެ ޤަޟިއްޔާގެ މުހިންމުކަން އުންމަތުގެ ދަރީންނަށް އިލްމީ ހަމަތަކުން ކިޔައިދީ ހޭލުންތެރިކަން އިތުރުކޮށް އަލްއަޤުޞާ މިސްކިތާ މެދު ލޯބި ޖައްސައި އުންމަތުގެ ޖީލު ތަރުބިޔަތު ކުރުން. 👇 pic.twitter.com/fovvHgRvzE
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 25, 2024