Ads by Farudhun

ޚަބަރު

ބައެއް އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް އަންނަ ސަބަބުތައް ވިދާޅުވެއްޖެ

ބައެއް އާރުޓީއައިތަކަށް ޖަވާބު ދިނުމުގައި ލަސްތަކެއް އަންނަ ސަބަބުތައް ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ހުސައިން ޝަރީފް / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

07 މޭ 2026، 04:30

07 މޭ 2026، 04:30

މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޤާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހަޅާ ބައެއް އާރުޓީއައިތަކަށް މަޢުލޫމާތު ފޯރުކޮށްދިނުމުގައި ލަސްތައް އަންނަ ސަބަބުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުޙައްމަދު ހުސައިން ޝަރީފް ނޫސްވެރިންނާ ޙިއްޞާކުރައްވައިފިއެވެ.

އެ މަނިކުފާނު މިކަން ހާމަކުރެއްވީ "ޕްރެސާރ ވިތު ތަ ސްޕޮކްސް"ގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ނޫސްވެރިންނާ ވަރަށް ގާތްކޮށް މަޢުލޫމާތު ދެއްވާ މި ބައްދަލުވުމުގައި ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، މަޢުލޫމާތު ފޯރުކޮށްދިނުމުގައި އުނދަގޫވާ ޙާލަތްތަކެއް އެބަހުރި ކަމަށާއި، އަދި ބައެއް މަޢުލޫމާތަކީ ޤައުމުގެ މަސްލަހަތަށް ބަލައި ސިއްރުކުރަންޖެހޭ މަޢުލޫމާތު ކަމަށެވެ.

މަޢުލޫމާތު ފޯރުކޮށްދިނުމަށް ލަސްވާ ކަންކަން ހާމަކުރައްވަމުން ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، ރައީސް އޮފީހަށް ފޮނުވާ ގިނަ އާރުޓީއައިތަކަކީ އެހެން އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތުތައް ކަމުން މިކަމަށް ގިނަ ދުވަސްހޭދަވާ ކަމަށެވެ. އަދި މިކަމުގައި މަޢުލޫމާތު ހޯދަން ހުށަހަޅާ ފަރާތްތަކުން އެއް ސުވާލުތަކެއް ގިނަ އިދާރާތަކަކަށް ފޮނުވުމަކީ ވެސް އުނދަގޫ ކަމެއްކަމަށް ވިދާޅުވިއެވެ. 

މީގެއިތުރުން، ކާކުކަން ނޭންގޭ ފަރާތްތަކުން ވެސް މަޢުލޫމާތު ހޯދަން ފޮނުވާކަމަށާއި، އެފަދަ ހާލަތް ތަކުގައި އެއީ ކާކުތޯ ބަލަން ޖެހޭ ކަމަށާއި، ހަމައެއާއެކު މަޢުލޫމާތު ހޯދަން ހުށަހަޅާ ފަރާތްތަކުން އެ ފަރާތްތަކުގެ އައިޑެންޓިޓީ އޮޅުވާލާފައި ހުންނަކަމަށް ވެސް ވިދާޅުވިއެވެ.

ބައެއް ފަހަރު ބަލާލާއިރު (ހުށަހަޅާ ފަރާތުގެ) އައިޑެންޓިޓީ ވެސް ދިމާނުވޭ. އެހެންވީމާ، ސައްޙަ ގޮތުގައި ޒިންމާދާރުކަމާއެކީ ކުރާ ސުވާލުތަކަށް އަޅުގަނޑުމެން ޖަވާބު އަރުވާނަން. އެކަމަކު އޭގެ އަސްލު އޮޅޭގޮތަށް ހުށަހަޅަންޏާ ކިހިނެއްތޯ އެ ހުރިހާ އާރުޓީއައިއަކަށް ޖަވާބު އަރުވާނީ... (މި ކަމުގައި އެބަ ބަލަންޖެހޭ) ސަރުކާރުގެ އިދާރާއެއްގައި ވަޒީފާގަ ތިބޭ އެތައްބަޔަކު އެއް ވެގެން އެމީހުންގެ އެހެން ކަންކަން ހުއްޓާލާފަ ކުރަން އެކަށީގެންވާ މަޢުލޫމާތެއް ތޯ، އޭގެން ރައްޔިތުންނަށް ކޮމަން ގުޑެއް އެބައޮތްތޯ. 

ޗީފް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. 

ބައެއް ފަރާތްތަކުން، މަޢުލުމާތު ހޯދާ ލިބިގަތުމުގެ ޤާނޫނު ނަހަމަ ގޮތުގައި ބޭނުންކުރާކަން ހާމަކުރައްވަމުން ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، އެއްދުވަހެއްގެ މަތިން އެއް ސުވާލެއް 50 ފަހަރު އެކި މީހުންގެ ނަމުގައި ފޮނުވާފައިވާކަމަށެވެ.

މީގެ އިތުރުން ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، ހާރިޖީ ގުޅުންތަކަށް ބުރޫއަރާ މަޢުލޫމާތާއި، ސިއްރުކުރަންޖެހޭ ބައެއް މާލީ އެއްބަސްވުންތަކުގެ މާއްދާތަކާއި ގުޅޭ މައުލޫމާތާއި، ޤައުމީ ސަލާމަތާ ގުޅޭ މައުލޫމާތު ވެސް ހުންނާނެކަން އެންމެން ވެސް ދަންނަންވާނެކަމަށެވެ.

އަޅުގަނޑުމެން ޑިސްކްލޯޒް ވެސް ކުރާނަން ކުރެވޭ ހުރިހާ މަޢުލޫމާތެއް، އަޅުގަނޑުމެން ތިބޭފުޅުން ކުރައްވާ މަސައްކަތަށް އިޙްތިރާމް ވެސް ކުރަން. އަދި ތިބޭފުޅުން ނޫނަސް ސައްޙަ ފަރާތްތަކުން ދެއްވާ އާރުޓީއައިތަކަށް ޖަވާބު އަރުވާނަން.

ޗީފް ސްޕޯކްސްޕާސަން ވިދާޅުވިއެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގެ ޚަރަދުތައް ފަދަ މަޢުލޫމާތުތަކަކީ ހިސާބުތައް ނިންމައި ޔަޤީންކުރުމަށް ވަގުތު ބޭނުންވާ ކަންކަން ކަމަށް ވިޔަސް، އެ މަޢުލޫމާތުތައް ފުރިހަމަވި ވަރަކުން ހާމަކުރަމުން ގެންދާނެ ކަމުގެ ޔަޤީންކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ދެއްވާފައެވެ. 

މި މަޢުޟޫއަށް ދެއްވި ޖަވާބު ނިންމަވާލައްވަމުން ޗީފް ސްޕޯކްސްޕާސަން ވިދާޅުވީ، އާރިޓީއައި ޤާނޫނަކީ ސަރުކާރުން ވަރަށް އިޙްތިރާމް ކުރާ ޤާނޫނެއް ކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450