ޚަބަރު
ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަނެއްގައި 13 ކިލޯގެ މަސްތުވާތަކެތި ހޯދައިފި
ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި މީހުން---
ފުލުހުންގެ އޮޕަރޭޝަނެއްގައި ޖުމްލަ 21 ކިލޯގެ މަސްތުވާތަކެއްޗާއެކު 3 މީހަކު ހައްޔަރުކޮށްފިއެވެ.
މި އޮޕަރޭޝަނަކީ މި މަހުގެ 5 ވަނަ ދުވަހު ވައިގެ މަގުން އެތެރެކުރަން އުޅުނިކޮށް މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއިން ހިފެހެއްޓި 7 ކިލޯގެ މަސްތުވާތަކެއްޗާ ގުޅިގެން، މިކަމުގައި ހަރަކާތްތެރިވާ އިތުރު މީހުން ހޯދުމަށް ހިނގި "ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން"، ނޫންނަމަ އެ ކުށުގައި ޝާމިލްވާ އެއް ބަޔަކު ބޭނުންކޮށްގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން ފެނުނު އިތުރު މަސްތުވާތަކެއްޗެވެ.
05 މެއި 2026 ވަނަ ދުވަހު ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި.
— Maldives Customs Service (@CustomsMv) May 7, 2026
🔹ބާވަތް: ކެނަބިސް ފަތް
🔹ބަރުދަން: 7 ކިލޯއަށްވުރެ ގިނަ (7940 ގްރާމް)
🔹މަަގުމަތީއަގު: 6 މިލިއަން ދިވެހި ރުފިޔާ pic.twitter.com/CpofWsrXgd
މި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައި ވަނީ ލ. ކަލައިދޫ / ހިޔާވަހި، ޢަބްދުﷲ ރާއިފް (27އ) އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ ދެ މީހުންކަމުގައިވާ އެމް ޑީ ޖޯޝިމް އުއްޑިން (43އ) އާއި މަމުން ދަލި (32އ)އެވެ. މި މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކޮށް، ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތި ޓްރެފިކްކުރުމުގެ ތުހުމަތެވެ.
"ކޮންޓްރޯލްޑް ޑެލިވަރީ އޮޕަރޭޝަން" ގެ ތެރެއިން މާލޭގެ ދެ އެޕާޓްމަންޓް ބަލައިފާސްކޮށް، 13 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި ހޯދައި، އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެންކަމުން، ކަސްޓަމްސްއިން ހިފެހެއްޓި 7 ކިލޯގެ މަސްތުވާތަކެއްޗާއެކު، މި މައްސަލައިގައި ޖުމްލަ 21 ކިލޯގެ މަސްތުވާތަކެތި މިވަނީ ހިފަހައްތާފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޢަބްދުﷲ ރާއިފް ތިން ދުވަހަށް އަދި ބަންގްލަދޭޝް ދެ މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ ތަހުޤީޤު ކުރަމުންނެވެ.